މާލެ ސިޓީ ކައުންސިލަށް މޭޔަރަކު ކަނޑައެޅުމަށް ބާއްވާ ބައި އިލެކްޝަން ކާމިޔާބު ކުރެވިއްޖެ ނަމަ، މާލެ އަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލު ކުރަން ގެންގުޅުއްވާނެ ސިޔާސަތު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވާފައިވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ހާމަކުރައްވައިފިއެވެ.
މި މަހުގެ 13 ވަނަ ދުވަހު، މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ އެންމެ ވަރުގަދަ އެއް ކެންޑިޑޭޓު އާޒިމާ ގެންދަވަނީ ކޮންމެ ދުވަހަކުހެން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އެކި ގޭގެއަށް ވަޑައިގެން ވަރަށް ފުރިހަމަ ކެމްޕެއިނެއް ކުރައްވަމުންނެވެ. މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފޯރި އާއި ޖޯޝުގައި ކެމްޕެއިން ކުރައްވަނީ ވެސް ބައި އިލެކްޝަންގައި ވާދަކުރައްވާ ހަމައެކަނި އަންހެން ކެންޑިޑޭޓު އާޒިމާއެވެ.
އާޒިމާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުގައި ގެންދަނީ އާޒިމާގެ އެކިއެކި ވައުދުތައް ހާމަކުރަމުންނެވެ. އެގޮތުން އާޒިމާގެ އެއް ވައުދަކީ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމެވެ. ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާސްޓާ ޕްލޭނެއް ތައާރަފް ކުރަން އާޒިމާ ވަނީ ވައުދުވެވަޑައިގެންފައެވެ.
އާޒިމާ މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މާލެ އަކީ ފަހުރުވެރިކަމާއިއެކު ދެއްކޭނެ ތަނަކަށް ތަރައްގީކުރަން ޖެހެއެވެ. މާލޭގެ ބިން ބޭނުންކޮށްފައިވާ ގޮތުގެ އެސިސްމެންޓެއް ހަދާފައެއް ނެތްއިރު، އެސެސްމެންޓަކީ ހަދަން ޖެހޭ އެއްޗެއް ކަމަށް އާޒިމާ ވިދާޅުވިއެވެ. އެސަސްމެންޓް ހެދުމަށްފަހުގައި މާލެ އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތަކަށް މާލޭގެ ލޭންޑް ޔޫސް ޕްލޭން މިހާރު ހުށަހަޅާފައިވާ ފްލޭނާއިއެކު ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ގިނަވެ، ތޮއް ޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިސް ނަގައިގެން މިހާރު ވަނީ ހާއްސަ ކޮމިޓީ އެއް ވެސް އުފައްދައިފައެވެ. އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ކުރާނެ ކަމަކީ ވެހިކަލް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ދަނެގަނެ އަމަލީ ފިޔަވަޅުތައް އެޅުމަށް އެހީތެރިވުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން އެ މިނިސްޓްރީން އަންނަނީ ބޭރުގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ފަންނީ ތަޖުރިބާރުންގެ އެހީއާ އެކު ދިރާސާއެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.