ރައީސް މުއިއްޒަކީ 100 އަހަރުން އެއްފަހު ލިބޭފަދަ ހެޔޮ ވެރިއެއްކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މުއިއްޒުވެސް އިންނެވި މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ ގައުމުގެ އިސްލާމީ ޝަޚުސިއްޔަތު އިތުރަށް ވަރުގަދަ ކުރަން ޖެހިފައި އޮތް ވަގުތެއް ކަމުގައެވެ.
ޝަހީމް ވިދާޅުވީ މިފަދަ ވެރިއަކު ކޮންމެ އުންމަތަކަށް ވެސް އަންނަނީ 100 އަހަރުން އެއްފަހަރުގައިކަން ތާރީޚުން ހާމަވާކަމަށެވެ. އެހެންކަމުން މިފުރުސަތު ނަގާލައިގެން ނުވާނެކަމުގައިވެސް ޝަހީމް ވިދާޅުވިއެވެ.
މިއީ ﷲ އައްޒަވަޖައްލު، ދިވެހި އުންމަތް، ދިވެހި ގައުމަށް ދަރުމަަކުރެއްވި ވަރަށް މަތުވެރި ނިއުމަތެއް، މި ވަގުތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ.
ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެއީ ވަޒީރަކަށް ވީތީވެ ދައްކަވާ ވަހަކައެއް ނޫންކަމަށާއި، އެއީ ފާއިތުވި މަދު ދުވަސްތަކުގައި، އިސްލާމީ ކަންތައްތައް ކުރިއަށް ގެންދިއުމަށް ރައީސް މުއިއްޒު ދެއްވާ އެއްބާރުލެއްވުން ތަޖުރިބާ ކުރެއްވިފައިވާތީ ދައްކަވާ ވާހަކައެއް ކަމުގައެވެ.
އެހެންވީމާ މި ފުރުސަތު އަޅުގަނޑުމެން ނަގައިލައިގެން ނުވާނެ. ދިވެހި ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު އެދެނީ، އިލްތިމާސްކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ އަތްޕުޅުގައި ހިއްޕެވުމަށް.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ