ވިއްސާރާގައި ޕީއެސްއެމް 2 ޢިމާރާތަކަށް ގެއްލުންވެއްޖެ

ވިއްސާރާގައި ޕީއެސްއެމް 2 ޢިމާރާތަކަށް ގެއްލުންވެއްޖެ

Author
ހުސެއިން
31 ޑިސެމްބަރ 2023 10:03
0

މާލެ މިއަދު ކުރަމުންދާ ވިއްސާރާގައި ޕީއެސްއެމް 2 ޢިމާރާތަށް ގެއްލުންވެއްޖެއެވެ.

މިގޮތުން މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ކުރި ވިއްސާރާގައި، ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިގްގައި ހުންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސީލިންގުން ބައެއް ވަނީ ވެއްޓިފައެވެ. އަދި ޓީވީ ބިލްޑިންގެ ބޮޑު ސްޓޫޑިއޯގެ ޑަކްޓުތަކަށް ފެންވަދެފައިވާއިރު، ޕީއެސްއެމްގެ ބެކަޕް ސިސްޓަމް ހުރި ރޫމްގެ ސީލިންގުން ވަނީ ފެން ފައިބައިފައެވެ. އޭގެ އިތުރުން މާސްޓަރ ކޮންޓްރޯލް ރޫމްގެ ސިސްޓަމްތަކަށްވެސް ވަނީ ފެންފައިބާފައެވެ.ދ

މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މޫސުމަށް ސަމާލުވުމަށް އަންގާ ހުދު ސަމާލުވެސް މެޓް އޮފީހުން މިއަދުވަނީ ނެރެފިއެވެ.

މެޓު އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މެންދުރު ފަހު 1:30އާއި ހަމައަށްނަމަވެސް މިރެއާއި ހަމައަށްވެސް މާލެއަށްވަނީ ބޯކޮށް ވާރޭ ވެހިފައެވެ. މެޓުން ބުނީ މުޅި ރާއްޖެއަށްވެސް ވިއްސާރަކުރަމުންދާކަމަށާއި، ގުގުރުމާއެކު ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައަކީ އިރުވައި މޫސުން ފެށުމާއި ގުޅިގެން ކުރާ ވިއްސާރައެވެ. އިރުވައި މޫސުން ފެށުނީ މިދިޔަ ހޯމަ ދުވަހުއެވެ.

ރޭ ދަންވަރުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށްވެސް ފެންބޮޑުވެފައިވެއެވެ. އަދި ބައެއް ފިހާރައަށާއި ގޭގެއަށް ވެސް ފެންވަދެފައިވެއެވެ.

މާލޭގައި އެންމެ ފެންބޮޑު މަގުތަކުގެ ތެރޭގައި މައި މަގުތައްވެސް ހިމެނެއެވެ. އަމީނީ މަގާއި މަޖީދީ މަގުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ނ.އަތޮޅުން ފެށިގެން ވ.އަތޮޅު ހިމެނޭ ސަރަހައްދަށް މެންދުރު 13:00އާ ހަމައަށްވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.

މެޓުން ބުނީ އެ ސަރަހައްދަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ގަދަވަޔާއެކު ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ޑިޒާސްޓާއިންވެސް ވަނީ ގެއްލުން ލިބިދާނެތީ ދިރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.