އިސްރާއީލުން އޮޅިގެން، އެގައުމުގެ 3 ރަހީނަކު ޣައްޒާގައި މަރާލައިފި

އިސްރާއީލުން އޮޅިގެން، އެގައުމުގެ 3 ރަހީނަކު ޣައްޒާގައި މަރާލައިފި

ހަމާސްއިން ޣައްޒާގައި ރަހީނު ކޮށްފައިވާ 3 ރަހީނަކު، އިސްރާއީލުން އަސްކަރިއްޔާއިން އޮޅިގެން މަރާލެވިފައިވާކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގައި ހިންގި އަސްކަރީ ކެމްޕެއިންގެ ތެރެއިން، އެގައުމުގެ ތިން ރަހީނަކު "ނުރައްކަލެއް" ގެ ގޮތުގައި އޮޅިގެން މަރާލެވިފައިވާ ކަމަށެވެ. އެއީ ހަމާސްއިން ރަހީނު ކޮށްފައިވާ ޔޯތަމް ހައިމް، 28، އާއި ސަމީރު ތަލާލްކާ، 22، އަދި އެލޮން ޝަމްރީޒް، 26، އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހިތާމަފާޅުކޮށް ބުނީ އެ ތިން މީހުންގެ ގަޔަށް ބަޑި ޖަހާފައިވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޝެޖައްޔާގައި ހަރަކާތްތެރިވާ ސިފައިން ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކުގައި ހަމާސްއިން ރަހީނުކުރި އެގައުމުގެ 100 އަށްވުރެ ގިނަ މީހުން އަދިވެސް ތިބީ ހަމާސްގެ ހައްޔަރުގައި ޣައްޒާގައެވެ. އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ބުނީ ހުކުރު ދުވަހުގެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކޮށް އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ. އެ ހާދިސާގެ ތަހުގީގަށް ފުރިހަމަ ދެފުށް ފެންނަ ގޮތަށް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ މީހުން މަރުވުމަކީ ކެތްނުކުރެވޭ ވަރުގެ ހިތާމަވެރި ހާދިސާއެއް ކަމަށް ސިފަކުރައްވާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި 1200 މީހުން މަރާލައި، 240 މީހުން ރަހީނުކުރި އިރު، ޣައްޒާގައި 100 އަށް ވުރެ ގިނަ މީހުން އަދިވެސް ބަންދުގައި އެބަތިއްބެވެ. ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އޭގެ ފަހުން ހިނގި ހަނގުރާމައިގައި މިހާތަނަށް ޣައްޒާގެ 18،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 50،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *