ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓާރމިނަލުން ޓެކްސީތައް ނެގޭނެގޮތްވެސް ހަމަޖައްސަވާ ދެއްވާނެ ކަމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމަޔަށް ޓެކްސީތަކަށް ދަތުރު ކުރެވޭގޮތަށް އުސޫލަށް ބަދަލުގެނެސް އެ އުސޫލަށް އަމަލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިހާރު މި ގެނައި ބަދަލަކީވެސް ރައްޔިތުންނަށް ފަސޭހަކުރުމަށް ގެނައި ބަދަލެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ ކުރުމަށް އެ ކުންފުނިން ބަދަލުތައް ގެންނަމުން ދާނެ ކަމުގައެވެ.
ޝަރީފު ވިދާޅުވީ، ޑޮމެސްޓިކް އެއާޕޯޓާ ހަމައަށް ޓެކްސީ ޑްރޮޕް އޮފް ކުރުމުގެ އިތުރުން އެ ސަރަހައްދުން ޓެކްސީ ނެގޭނެ ގޮތް ހަމަޖައްސާނީ، ޑޮމެސްޓިކް ޓާމިނަލް މަގު އިތުރަށް ހަދައިގެން ކަމަށެވެ.
އެރައިވަލް މީހުންނަށް މިތަނުން ޓެކްސީ ނެގޭނެ ގޮތް ހަދައިދޭނަން. އެއީ މިހާރު ހަދަމުން އަންނަ މަގުތައް ޕޭވްކޮށް ހުރިހާ ކަމެއް ނިމުނީމަ. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ދުވަހެއް ދުވަހަކަށް އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ހޯދުމުގައި އެމްއޭސީއެލް އާއި އެމްއޭސީއެލްގެ މެނޭޖްމެންޓާއި މުވައްޒަފުން އަބަދުވެސް ދެމިތިބޭނެކަން.
އެމްއޭސީއެލްއިން ވަނީ، ޓެކްސީތަކަށް މިއަދުން ފެށިގެން ޑޮމެސްޓިކް ޓާމިނަލާއި ހަމައަށް ދަތުރު ކުރެވޭގޮތް ހަދާފައެވެ. އަދި މި ބަދަލު ގެންނަނީ ވައިގެ ދަތުރުފަތުރަށް ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަ ކުރުމަށް ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
މީގެ ކުރިން ޓެކްސީތަކަށް މަޑު ކުރެވެނީ އިންޓަރނޭޝަނަލް ޓާމިނަލް ކައިރިއަށެވެ. އެއަށްފަހު ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާންޖެހެނީ ލަގެޖްތައް ހިފައިގެން ހިނގާފައެވެ.
މިބަދަލް ގެނައިނަމަވެސް ޓެކްސީތައް ނެގުމަށް އަދިވެސް ހިގާފަ ދާންޖެހެނީ އިންޓަނަލް ޓާމިނަލް ފަސްދީ، މިހާރުވެސް ޓެކްސީތައް ނެގުމަށް ހަމަޖައްސާފައި އޮންނަ ސަރަހައްދަށެވެ.
ކޮމެންޓު ފޮނުވާ