އިންޑިއާ ސިފައިންގެ މައުލޫމާތު ސާފުނުވެގެން އުޅެނީ ޑޮކިއުމަންޓްތައް ނެތީމަ: ނަސީމް

އިންޑިއާ ސިފައިންގެ މައުލޫމާތު ސާފުނުވެގެން އުޅެނީ ޑޮކިއުމަންޓްތައް ނެތީމަ: ނަސީމް

Author
އަހުމަދު
06 ޑިސެމްބަރ 2023 02:20
0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހާމަނުކުރެވިގެން އުޅެނީ ޑޮކިއުމަންޓުތައް ރަނގަޅަށް ފެންނަން ނެތީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މަޖިލިހުގައި ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ނަސީމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރާނީ މި ސަރުކާރުން ކަމަށެވެ. މިހާތަނަށް އައިއިރު އެކި މުއައްސަސާތަކުން ހާމަކޮށްފައި ވަނީ އެކި އަދަދުތައް ކަމަށާއި އެއްވެސް ލިޔުމަކާ ނުލައި ވެސް ބައެއް ސިފައިން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާމަނުކުރެވިގެން އުޅެނީ ޑޮކިއުމަންޓްސްތައް ރަނގަޅަށް ނެތީމަ. އެކި މުއައްސަސާތަކުން މައުލޫމާތު ދެއްވަނީ އެކި އަދަދު. އަދި އެއްވެސް ލިޔުމަކާ ނުލާ ވެސް ބައެއް ބޭފުޅުން ތިބި ކަމަށްވޭ،" ނަސީމް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައިނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި 77 އިން ފެށިގެން 89 އާ ހަމައަށް ސިފައިންގެ އަދަދު ދައްކާ އިރު، އެއަށް ވުރެ އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އިއްޔެގައި ހަތް ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމެއް ސަރުކާރުން ބާއްވައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭން ނިންމުމުން އެކަމާ ހަޖަމް ނުވެގެން އެމްޑީޕީ މެމްބަރުން އުޅުއްވަމުން ގެންދަވާ ކަމަށެވެ.

ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި ވިނަރެސް ފްލެޓުތަކުގެ ކުލީގެ ޑައުންޕޭމަންޓް %50 އަށް ކުޑަ ކުރުމާއި މެޑިކަލް ޗެކަޕާއި އައިވީއެފް އާސަންދައިގެ ތެރެއިން ހެދޭ ގޮތަށް ނިންމުމާއި ފާޓިލިޓީ ކެއާ ސެންޓަރެއް ގާއިމުކުރުމާއި ކައުންސިލްތަކަށް ބާރު ދިނުމުގެ ގޮތުން ރަށްރަށުގައި ހުންނަ ފަޅު ރަށްރަށް ކައުންސިލްތަކަށްދޭ ގޮތަށް ނިންމުމާއި ހިލޭ ހައްޖަށް ދެވޭ ގޮތަށް ނިންމުމަކީ ރައްޔިތުންގެ ފައިދާ އަށް މި ސަރުކާރުން ކުރި ކަމެއް ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު އޮތީ ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. އަދި ވަޒީރުން ވެސް އަރާމްކޮށްލަން ފުރުސަތު ނުދީ، އެބޭފުޅުން ތިއްބެވީ 24 ގަޑިއިރު އެލާޓްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަންކަން ހަވާސް ފަޓާސް ސްޕީޑްގައި ދާން ފެށީމަ ހަޖަމެއް ނުކުރެވޭނެ. ދެން ގެންނާނީ މިކަހަލަ މައްސަލަތައް. މިއަކުން އަޅުގަނޑުމެން ސަރުކާރަށް ކުރާނެ އަސަރެއް އިންޝާ ﷲ ނޯންނާނެ،" ނަސީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.