ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ދިނުން އޭސީސީއަށް ހުއްޓުވިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، 4،000 ފްލެޓުން ފެލެޓެއް ނުލިބިގެން މިނިސްޓްރީއަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެންމެ 10 ވަރަކަށް މީހުން ކަމުގައި ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ފެލްޓް ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އަދި އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުގެ މައްސަލާގައި، މިއަދު ކުރިޔަށް ގެންދިޔަ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރީ އަކްރަމް ކަމާލުއްދީންއާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް އެވެ.
ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އަކުރަމް ވިދާޅުވީ ފްލެޓް ނުލިބިގެން ކަންބޮޑުވުން ފާޅުކުރަން މިނިސްޓްރީއަށް ގޮސްފައިވަނި 10 ވަރަކަށް މީހުން ކަމަށާއި އެތަނުގައި ދެން ތިބީ މީޑިއާގެ މީހުން ކަމަށެވެ.
މި 4،000 ފްލެޓަށް ނާރާ މީހުން ވަރަށް ހިތްހަމަނުޖެހިގެން އައިސް މިނިސްޓްރީގައި ހަޅޭއްލަވާ ހެދި، މި ދެންނެވީ ނުރުހުން ފާޅުކުރި. ނުރުހުން ފާޅުކުރުމުން ގާތްގަނޑަކަށް އޭގައި ތިބީ އަސްލު 10 ވަރަކަށް ފަރާތް، ދެން ގިނައީ އެކި މީޑިއާތައް އިނގޭތޯ.
ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ، ބައެއް މީހުން އެގޮތުން ނުރުހުން ފާޅުކުރުމުން ޕްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ރައީސް ސާލިހު ނިންމެވި ކަމަށެވެ. އަދި އޭނާ ވިދާޅުވީ އޭސީސީންވެސް އެގޮތަށް އެންގިކަމަށެވެ. އެގޮތުން ގުރުއަތު ނެގުން ބާއްވާފައިވަނީ އެއަށްފަހު ލިބުނު ޝަކުވާތަކަށްވެސް ޖަވާބު ދިނުމަސް ފަހު ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ މިގޮތުން ހުށަހެޅި ޝަކުވާތަކުގެ އަދަދު 7،000 އަށް އެރި ނަމަވެސް އޭގެ ތެރެއިން ގިނައީ މާލޭގައި ދިރިއުޅުނު މުއްދަތާއި ގުޅުންހުރި ޝަކުވާތައް ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެންނަމަވެސް އެއީ މާކްސް ދޭ ޝަރުތެއް ނޫންކަމަށާއި އެއީ ހަމައެކަނި ފްލެޓަށް ޝަރުހަމަވާކަމަށް ބަލާ ކްރައިޓީރިއާއެއް ކަމުގައެވެ.
އޭނަ ވިދާޅުވީ އޭސީސީން 4،000 ފްލެޓް މަޝޫރޫއު ހުއްޓުވާފައިވަނީ ފްލެޓް ލިސްޓަށް ގުރުވެސް ނަގާ ނިމުނުފަހުން ކަމުގައެވެ.
އޭސީސީން ހުއްޓާލަން އަންގައިގެން އަޅުގަނޑުމެން ނުހުއްޓައެއް ނުހުންނާނެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުއްޓާލަން އޭސީސީ އަށް ނުވެސް އެންގޭނެ. ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމެއް އެބަ އޮވެއޭ ނުހުއްޓުވޭނެ ކަމަށް، އެކަމަކު މައްސަލަ ބެލިދާނެއޭ.
ފްލެޓް ދިނުން އޭސީސީއަށް ނުހުއްޓުވޭނެކަމަށް ގަބޫލުކުރައްވާ ސަބަބު ފާހަގަ ކުރައްވަމުން އަކުރަމް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ދީފައިވާ ގިނަ ފްލެޓްތައް ހަވާލު ކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުވެސް ނިމުން ފަހުންނެވެ. އެހެންނަމަވެސް އަލަށް އިންތިޚާބުވި ސަރުކާރުން އޭރުވަނީ އިންތިގާލީ މަރުހަލާގައި ފްލެޓްތައް ނުދިނުމަށް އޭރުގެ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ