ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ހެލްތު މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަމުން އަންނަ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް ދެ ގައުމުން ކުރެވެންހުރި މަސައްކަތްތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަ ދައްކާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
Delighted to welcome HE @China_Amb_Mdv for a productive meeting. Discussed key areas of collaboration, emphasizing training and capacity building in the health sector. Grateful for the shared commitment to advancing healthcare. pic.twitter.com/gcHSAwAOIu
— Abdulla Khaleel (@abkhaleel) November 29, 2023
ހަލީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާ ސަފީރާ އެކުގައި އުފެއްދުންތެރި ބައްދަލުވުމެއް ބޭއްވުނު ކަމަށްޓަކައި ވަރަށް ހިތްހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މުހިންމު ދާއިރާތަކުން ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރެވުނު އިރު، އޭގެ ތެރޭގައި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ހިންގުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.