ރާއްޖެ އިން ބޭރަށް ދަތުރު ކުރާ ދިވެހިންނާއި ރާއްޖެ އަންނަ ދިވެހިންނަށް "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހަމަޖައްސަވައިފިއެވެ.
އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަމްއާން ރަސްމީކޮށް މިއަދު ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ވަނީ އާންމުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ.
އެގޮތުން، ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްޓަކައި، މިއަދުން ފެށިގެން އިމުގާ ފޯމް ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރިހަމަކުރަން ނުޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޓްރެވެލާ ޑެކްލެރޭޝަން ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ނިންމެވީ މި ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައި ވާތީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖެ އަށް އަންނަ އަދި ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ އިތުރުން ބިދޭސީންނާއި ޓޫރިސްޓުންނަށް ވެސް މި ފޯމު ފުރަން ޖެހެއެވެ.
އިމުގާ ފޯމު ތައާރަފުކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ހިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން ޖުލައި 15، 2020 ގައެވެ. އަދި މާޗު 14، 2021 އިން ފެށިގެން މި ފޯމު އޮންލައިންކޮށް ފުރޭނެ އިންތިޒާމު ހަމަޖެއްސިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަބަދުވެސް ހިދުމަތް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުންކަމަށް އެ ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ