ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ބުނެ، އަލުން ގަރާރު ހުށަހަޅަން ޖާގަދީ މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.
އެތައް ފަހަރެއްގެ މަތިން ގަރާރު އެޖެންޑާ ކުރިޔަސް، އެ ކަން ކުރިއަށް ނުގެންދެވި ދިގުލައިގެންގޮސްފައި އޮއްވައި، އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަށް ފަހުއެވެ. ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސް ފަހަރެއްގެ މަތިން އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެއެވެ. އެހެންވެ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.
އެ މައްސަލަ ހުށަހެޅުމާ އެކު، އީވާ ވަނީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަން މަޖިލީހުގެ އިދާރާއަށް އަންގަވައިފައެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެއް ކަމަށެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރިއެވެ.
ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ އިރު، މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން ކަމަސް ހުކުމުގައިވެއެވެ. މިއަދުގެ ޖަލްސާ އަށް އީވާ ސަލާން ވިދާޅުވެފައިވިޔަސް، ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އިންނަވައިގެން، އެ ގަރާރު ހުށަހެޅަން ފެއްޓެވުމާ އެކު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފައެވެ.
އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ގަރާރެއް ކަމެއް ކުއްލި މައްސަލައެއް ކަމެއް ސާފު ނުވާ ކަމަށެވެ. އޭގެ ޖަވާބުގައި ރިޔާސަތުން އަފީފް ވިދާޅުވީ މި އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާފައިވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އެ ސުވާލަށް ޖަވާބު ލިބުމުން، ނިޒާމީ ނުކުތާ ހުށަހަޅުއްވަމުން، އާޒިމް ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށެވެ.
އޭގެ ރައްދުގައި ނިޒާމީ ނުކުތާއެއް ނަންގަވައި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ދައްކައިގެން، ސުޕްރީމް ކޯޓުގެ ހުކުމަށް ވެސް ގޮންޖަހައި، މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު އިންނަވަން މަސައްކަތް ކުރައްވާ ކަމަށެވެ. އޭގެފަހުން، ޑިމޮކްރެޓްސް މެމްބަރުން ގެންދަވަނީ ފުލުފުލުގައި ނިޒާމީ ނުކުތާތައް ނަންގަވައި، ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނަމުންނެވެ. އެ މައްސަލަ ހައްލު ނުވެ، އެ ގަރާރު ތަޅުމަށް ހުށަހެޅޭ ގޮތެއް ނުވެއެވެ. މިއާއެކު އަފީފް ވަނީ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ބުނެ ޖަލްސާ ނިންމާލާފައެވެ.
One Response
ރައިސް ނަސީދު އިސްތިއުފާ ރައްޔިތުން ނަސީދުގެ އިތުބާރުނެއްކަމަށް ދެއްހާސް ސައްވީހުގައި ނަގާނެއް އިންސާﷲ އެދުވަހުވެސް ނަސީދުވިދާޅުވާނީ ތިމަންނައޭތައް ރިޔާސަތުގައި އިންނާނީ ކީވެތޯ ތިހާބިރުންތިއުޅުވަނީ ވޯޓާކުރިމަތިލަވަން ބިރުން ޑިމޮކުރަސީގެ ބައްފަކަމަށް ވިދާޅުވާބޭފުޅާ މިއަދުފެންނަނީ މަގާމާހެދި މަޖިލީސްވެސް ކޯޓުގެބާރު ކަޑުވާލާފައި ރިޔާސަތުގަައި ބަގުޑިބަދައިގެން އިންނަވަންއުޅުވާތަން