މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އާއިލާގެ ބައެއް މެމްބަރުންނަށް ފްލެޓު ލިބުނީ އެ ސްކީމަށް ޝަރުތު ހަމަވާތީ ކަމަށް ވިދާޅުވެ، އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްޔިތުންގެ މަޖިލިހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ރައްދު ދެއްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަޅަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރުމާ އެކު ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ލިބުމާއި އިންސާފުން ބޭރުން މާކްސް ދިން ކަމަށް ބުނެ ބައެއް މީހުން ވަނީ ޝަކުވާކޮށްފައެވެ. އަދި ރައްޔިތުން ކުރަމުން އަންނަ ޝަކުވާތައް ނުބަލައި ފްލެޓްތައް ދޫނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ އަންގައިފައެވެ.
ފްލެޓް ލިސްޓު އާއްމު ކުރުމާ އެކު، މަޖިލިސް މެމްބަރު އިސްމާއީލް އަހުމަދުގެ އާއިލާގެ މެމްބަރުންނަށް ފްލެޓު ލިބުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވިއެވެ.
އެކަމާ ގުޅިގެން އިސްމާއިލް އަހުމަދު ވިދާޅުވީ ފްލެޓު ލިސްޓުގައި އޭނާއާ ގުޅުން ހުރި ރ. ކަނދޮޅުދޫ، ސޭޑިސައިޑް އެޑްރެހުގައި ހަތް މީހަކު ލިސްޓުގައި އޮތް ކަމަށާއި އެކަމަކު އޭގެ ތެރެއިން ފްލެޓް ލިބުނީ ތިން މީހަކަށް ކަމަށެވެ. އަދި އަނެއް ހަތަރު ފަރާތަކީ ޕޮއިންޓް ހަމަވާން ޖެހޭ ވަރަށް ނުލިބިވާ ހަތަރު ފަރާތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްމާއިލް އަހުމަދު ވިދާޅުވި ގޮތުގައި ފްލެޓު ލިބުނު ފަރާތްތަކަކީ އާއިލާއެއް ގޮވައިގެން މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުންނެވެ. އަދި ފްލެޓަށް އެ މީހުން ޝަރުތު ހަމަވާނެކަން، ހަގީގަތް ދަންނަ އެންމެން ވެސް ހެކިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބުނު ހަތަރު މީހުންނަކީ ވެސް ޝަރުތު ހަމަވާ މީހުން ކަމަށާއި ލިޔެކިޔުންތައް ހުށަހެޅުމުގައި އެކަން ސާބިތުކޮށްދެވޭ މިންވަރަށް ހުށަހެޅިފައި ނުވަނީ ކަމަށް ލަފާ ކުރެވޭ ކަމުގައި އިސްމާއިލް އަހުމަދު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެއް ޕޮއިންޓް އުނިވެގެން ފުރުސަތު ގެއްލުނު ފަރާތެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކި ރަށަކަށް އަދި ވަކި އާއިލާއަކަށް ނިސްބަތްވުމަކީ ސަރުކާރުން ހިންގާ މި ފަދަ ޕްރޮގްރާމްތަކުން މަހުރޫމްވާން ޖެހޭ ކަމަކަށް ނުދެކެން. އެގޮތުން އެމީހަކަށް މުހިންމު އަދި އެކަމެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށް ލަފާ ކުރެވޭ މިކަހަލަ ކޮންމެ ކަމެއްގައި ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހައްގު އޮންނަން ވާނެ ކަމަށް ދެކެން." އިސްމާއީލް ފޭސްބުކްގައި އާންމު ކުރެއްވި ކުރު ލިޔުންކޮޅެއްގައިވެއެވެ.
"މިކަހަލަ ކަންކަމަށް އަޅުވައި އެމީހަކު ބޭނުންހާ އެއްޗެއް ކިޔައިގެން އެކި ފިތުނަ ހައްދަން އެކި ވާހަކަ ދެއްކުމަކުން ދެން ކުރާނެ ކަމެއް ނެތް. ވަރަށް ބޮޑަށް ޝުކުރިއްޔާ،"
ފްލެޓް ލިބުނު ބޭފުޅުންގެ ތެރޭގައި، މި މަޝްރޫއު ކުރިއަށް ގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރު ހިމެނިވަޑައިގަންނަވައެވެ. އެކަމަކު އޭނާ ވެސް ވިދާޅުވީ ފްލެޓް ލިބިވަޑައިގެންނެވީ އެ ކަމަށް ޝަރުތު ހަމަވާތީ ކަމަށެވެ.
ކޮމެންޓު ފޮނުވާ