ނަޝީދު ވަކިކުރުމުގެ މައްސަލަައިގެ އަޑުއެހުންތައް ސުޕްރިމް ކޯޓުގައި ފަށައިފި

ނަޝީދު ވަކިކުރުމުގެ މައްސަލަައިގެ އަޑުއެހުންތައް ސުޕްރިމް ކޯޓުގައި ފަށައިފި

Author
ހުސެއިން
06 ނޮވެމްބަރ 2023 11:43
0

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުން ދުރުކުރުމަށްޓަކާ އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ސުޕްރިމް ކޯޓުގައި ފަށައިފިއެވެ.

ސުޕްރިމް ކޯޓުގައި ކުރިޔަށްދާ މައްސަލައަށް ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ވަނީ ތަދައްޚުލްވެފައެވެ.

މިމައްސަލާގެ ސުޕްރިމް ކޯޓުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވަނީ ބަންޑާރަ ނައިބުއެވެ. އޭގެ އިތުރުން މައްސަލައިގަ އެމްޑީޕީގެ ފަރާތުން އިސްކޮށް ހުންނެވީ ގާނުނީ ވަކީ އަހުމަދު އަބުދުﷲ އަފީފީފުއެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން އިސްކޮށް ހުންނެވީ ގާނޫނީ ވަކީލު އަބުދުﷲ ޝާއިރުއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަކާލާތު ކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުއެވެ.

މައްސަލަ ބައްލަވާ ސުޕްރިމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10:00ގައި ފަށާ ގޮތަށެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ނިމެންދެން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިނުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އުޒުރުވެރިވެވަޑައިގަންނަވާތީ ދެން ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.