ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބެލެކްމެއިން ކޮށްގެން އެ މެމްބަރުން ލައްވާ ކަންކަން ކުރުވަމުން ގެންދާކަމަށް މަޖިލީހުގެ މައިނޯރިޓީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތުހުމަތު ކޮށްފިއެވެ.
ރޭ ސަންގު ޓީވީން ގެނައި ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އިލްޔާސްލަބީބި ވިދާޅުވީ މިހާރު މަޖިލިހަށް ހުށަހެޅިފައިވާ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުން ލައްވާ ސޮއި ކުރުވާފައިވަނީ އެ މެމްބަރުންނަށް އެކިއެކި މަންފާތައް ލިބޭނެކަމަށްބުނެ ކަންކަން ހުށަހަޅައިގެން ކަމުގައެވެ.
މިގޮތުން އޭނާ ވިދާޅުވީ އޭގެ ތެރޭގައި ގާތް މީހުންނަށް ފްލެޓް ދިނުމާއި، ބައެއް މެމްބަރުންނާއި ގުޅޭގޮތުން ބަލަމުން އަންނަ މައްސަލަތައް ދައުރު ނިމުމުގެ ކުރިން އަވަސްކޮށްދިނުންފަދަ ކަންކަން ހިމެނޭކަމުގައެވެ.
ޚާއްސަކޮށް އެމްޑީޕީ މެންބަރުންނަށް ނުފޫޒު ފޯރުވައިގެން އެކި ގޮތްގޮތަށް މަސައްކަތް ކުރާކަން އަޅުގަނޑުމެންނަށް ހަމަ ސާފުކޮށް މެންބަރުން ވިދާޅުވެފައި އެބަހުރި. އަދި ރައީސް ނަޝީދު އަރިހުގައި ވެސް ބައެއްް ބޭފުޅުން ވިދާޅުވެފައި އެބަހުރި މި ކަހަލަ ވަހަކަތަކެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ މެންބަރުން ބްލެކްމެއިލްކޮށްގެން މަސައްކަތްކުރާކަން އަދި ބިރުދައްކައިގެން މަސައްކަތް ކުރާކަން.
އިލްޔާސް ލަބީބު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ނަޝީދުގެ މައްސަލަ އަލުން މަޖިލީހަށް ވައްދާފައިވަނީ ނުބައި ނިޔަތެއްގައި ކަމުގައެވެ. އެހެންކަމުން އެ މައްސަލައަށް އެއްބާރުލުން ދޭން ނުޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުން ނަޝީދު ވަކިކުރުމުގެ ޖަލްސާއަށް ނާއިބު ރައީސް އީވާއަށް ވަޑައިނުގެންނެވިގެން މިހާރު މަޖިލިސް އޮތީ ހުއްޓުމަކަށް އައިސްފައެވެ. އަދި މިމައްސަލަ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިހާރު އެމްޑީޕީން ވަނީ ހުށަހަޅާފައެވެ. ސުޕްރިމް ކޯޓުގައި މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އިއްޔެއަށް އެޖެންޑާކުރި ޖަލްސާ ވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅު ރަނގަޅު ނުވާ ކަމަށް ވިދާޅުވެ ސަލާމް ފޮނުއްވުމުން ކެންސަލް ކުރި އިރު، މިދިޔަ ހަފްތާގައި ވެސް ޖަލްސާތައް ދިޔައީ އެގޮތަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.
އެހެންވެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބަޔާންކުރައްވާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް އެމްޑީޕީންވަނީ ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި އެދިވަޑައިގެންފައެވެ.
މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ސަބަބެއް ދައްކަވައިގެން އީވާ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވަނީ ނަޝީދު ވަކިކުރުން ދިގު ދެންމުމަށެވެ. އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ނަޝީދު ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބާކީ ބައިގައި ހަރަދުތައް ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފޮނުވާފައި އޮތަސް، ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ދިރާސާކުރުމުގެ މަސައްކަތް ނުފެށި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ހުއްޓިފައި އޮތުމުންނެވެ.
One Response
ބްލެކްމެއިލްއަކީކޮބާކަންއަދިކިރިޔާމިދަސްވީީ.
އެއީމީހުނަށްއެއްޗެހިދީގެންކަންކަންކުރުވުމޯޯ.
އެމްޕީއެލްއިންވެސްކަންކަންކުރުމަމެންމިކުރުވަނީބްލެކްމެއިލްކޮށްގެންތާ