ކުރިއަށް އޮތް މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ކުރެއްވި ޓްވީޓް، ރީ ޓުވީޓް ކުރައްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު އެކަމަނާ އަށް އޮތްކަން މިއަދު ހާމަކުރައްވައިފިއެވެ.
އާޒިމާ ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކެމްޕެއިން ޕޯސްޓަރު އާންމު ކުރައްވައިފައެވެ. އެ ޕޯސްޓް، އިންތިހާބީ ރައީސް މުއިއްޒު ވަނީ ރީ ޓުވީޓު ކުރައްވައިފައެވެ. މުއިއްޒުގެ ތާއީދު އާޒިމާ އަށް އޮތްކަން ހާމަ ކުރެއްވުމުން އާޒިމާ ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ.
Thankyou so much @MMuizzu .. my full. commitment to fulfilling your pledges n uplifting the people of Maldives. https://t.co/rhBiPBzWZW
— AzimaShakoor (@aminadhis) November 5, 2023
އާޒިމާ ވިދާޅުވީ މުއިއްޒުގެ ވައުދުތައް ފުއްދެވުމުގައި އެހީތެރިވެ ދެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ދެން ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. ހުސެއިން ވަހީދު ވެސް ކެމްޕެއިން ކުރައްވަމުން ގެންދަވާ އިރު، އޭނާ ވަނީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވައިފައެވެ.
މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސް ވާނީ އެ މަގާމުގައި ހުންނެވި މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުއްވާ ކުރައްވާ ހިސާބުންނެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާއި ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު ވެސް ވަނީ މާލޭގެ މޭޔަރުކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން އިއުލާން ކުރައްވައިފައެވެ. މަހްލޫފް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވާފައިވާ އިރު، ސައިފް ވާދަކުރައްވަނީ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ.
އާޒިމާ ވިދާޅުވެފައިވަނީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ، އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެއް ކަމަށްވާތީ އާއި ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގުވެރިކަން ހުންނެވީމަ ކަމަށެވެ.
އަދި މާލެ ސަރަހައްދުގެ ހަގީގީ މާނައިގައި ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށާއި އެކަންކަން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.
އާޒިމާ ވިދާޅުވީ، ޒަމާނުއްސުރެ ވެރިކަމުގެ ފަރާތުން އައްޔަނުކުރައްވަމުން ގެންދެވި ކަތީބުންނާއި، އަތޮޅުވެރިންނާއި އަވަށުވެރިންގެ ދައުރު ނިމުމަކަށް ގެނެސް، ރައްޔިތުންގެ ސީދާ އިންތިޚާބުން އިޚްތިޔާރުކުރާ ބަޔަކަށް މާލެއާއި އަތޮޅުތައް އަދި ރަށްރަށުގެ ހިންގުން ޙަވާލު ކުރަން ޖެހޭ ކަމަށެވެ. ގާނޫނުއަސާސީން، ހިންގުމުގެ އޮނިގަނޑަށް ގާނޫނީ ބަދަލެއް ގެނެވުނު ނަމަވެސް، ހިންގުމުގެ އޮނިގަނޑުގެ މުހިންމުކަމަށާއި ރައްޔިތުންގެ ބޭނުންތަކަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ