މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓް އެއްވެސް އުސޫލެއްނެތި ބަހަން އުޅޭކަަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފިއެވެ.
މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓް އެއްވެސް އުސޫލެއްނެތި ބަހަން އުޅޭކަަމަށް ތުހުމަތުކޮށް އޭސީސީއަށް މިއަދު އަމިއްލަ ފާރާތަކުންވަނީ މައްސަލަ ހުށަހަޅާފައެވެ.
އާންމު ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލަގައި ބުނެފައިވަނީ، ފްލެޓް ލިބޭކަމަށް އިއުލާން ކޮށްފައިވާ 13،000 މީހުންގެ ތެރެއިން، ފުރަތަމަ ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ 4،000 ފްލެޓް ހަވާލުކުރުމަށް އެންމެ އިންސާފުވެރި ގޮތަކީ ފޮއިންޓް ލިބިފައިވާ ތަރުތީބުން ފްލެޓްތައް ހަވާލުކުރުން ކަމުގައެވެ.
މިމައްސަލައާއި ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ އެއީ ދޮގު ތުހުމަތުތަކެއް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ފްލެޓް ދޫކުރާނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ މީހުންނަށް ކަމަށާއި، ފްލެޓް ލިބޭ މީހުންގެ ލިސްޓް މިމަހުގެ 5 ވަނަ ދުވަހުގެ ކުރިން އާންމު ކުރާނޭ ކަމުގައެވެ.
އަކުރަމް ވިދާޅުވީ އޭސީސީއަށް ހުށަހެޅި މައްސަލާގައި ފްލެޓް ލިބޭ މީހުންގެ ގެތައް ސާވޭކުރަން ސަރުކާރުން ނުދާކަމަށް ބުނެފައިވި ނަމަވެސް، އެކަން އެގޮތަށް ކުރާނޭކަމަށް ކުރިން ސަރުކާރުން ބުނެފައި ނުވާނޭކަމުގައެވެ. އޭނާ ވިދާޅުވީ ކުރިންވެސް ބުނެފައި އޮންނާނޭ ގެތައް ރެންޑަމްކޮށް ބަލާނޭކަމަށް ކަމަށާއި އެ މަސައްކަތް 2 މަހެއްހާ ދުވަހަށް ކުރިޔަށް ގެންގޮސްފައިވާ ކަމުގައެވެ.
އޭގެ އިތުން އިންތިގާލީ މަރުހަލާގައި ފްލެޓް ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ ބައެއް މީހުން ޝަކުވާ ކުރިނަމަވެސް، މި ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަން ސަރުކާރު ނިމެންދެން ކުރިޔަށް ގެންދާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ ފްލެޓް ލިބޭމީހުންނަށް ޕޮއިންޓް ދޭނެ އުސޫލުވެސް އާންމުކޮށް ގެޒެޓްވެސް ކޮށްފައިވާ ކަމުގައެވެ.
4،000 ފެލްޓް ސަރުކާރުން އުސޫލެއްނެތި ބަހަން އުޅޭކަމަށް ތުހުމަތުކޮށް އޭސީސީއަށް މިއަދު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ފްލެޓް ލިބުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތް މިހާތަނަަށްވެސް ސަރުކާރުން ހާމަކޮށްފައި ނުވާކަމަށެވެ. އެ މައްސަލާގައި އިތުރަށް ބުނެފައިވަނީ، ފްލެޓް ހަވާލުކުރާނީ ލިބޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބަލާފައިކަމަށް ބުނެފައިވި ނަމަވެސް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އެކަން ކޮށްފައި ނުވާކަމަށާއި، އަދި އެކަމަށް މިހާރު ވަގުތުވެސް ނެތްކަމުގައެވެ.
އަދި އޭގެ އިތުރުން މި 4،000 ފްލެޓް ހަވާލުކުރުމަށް އުސޫލެއްވެސް ހާމަކޮށްފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.
މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، އެހެންކަމުން، އާންމު އުސޫލާއި ޚިލާފަށް، ސިއްރު އުސޫލެއްގެ ތެރެއިން، 4،000 ފްލެޓް އިންތިގާލީ މަރުހަލާގެ ފަހު ދުވަސްކޮޅު އިންސާފްވެރިކަމާއެކު ހަވާލުކުރެވޭނެ ގޮތެއް ނޯންނާނެ ކަމުގައެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ ދެން އުފެދިގެންދާ މައްސަލަތައް ހައްލުކުރުން އަންނަ ސަރުކާރަކަށްވެސް ފަސޭހަ ނުވާނޭކަން ފާހަގަ ކުރަމުން މައްސަލަ ހުށަހެޅި ފަރާތުން އެދުނީ އެމައްސަލަ އޭސީސީން ބަލައި ދިނުމަށެވެ.
މިސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ދޭން ނިންމާފައިވާ 4،000 ފްލެޓް އަޅަމުންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިންނެވެ. އެފަރާތުން ބުނެފައިވަނީ މި ފެލެޓްތަކުގެ ލިފްޓް ހަރުކޮށް، ފެނާއި ކަރަންޓު މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ