ޔާމީންގެ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ކަރެކްޝަންސް އިން ދީފި

ޔާމީންގެ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ކަރެކްޝަންސް އިން ދީފި

Author
އަހުމަދު
01 ނޮވެމްބަރ 2023 06:01
0

ވ. އާރަށް މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ބަންދަށް ބަދަލު ކުރި އިގްރާރާ ހިލާފުވަމުންދާތީ އެ އެއްބަސްވުން އުވާލާނެ ކަމުގެ އިންޒާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ދީފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޔާމީނަށް ލުއި ދިން އިގުރާރާ ހިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެއާ އެގޮތަށް އަމަލު ކުރަން ޔާމީނަށް މިހާރު އިންޒާރު ދީފައިވާ ކަމަށާއި އިގްރާރާ ހިލާފް ވާނަމަ، ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތަކުރާރު ކުރައްވާ ނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށް ވަނީ އެންގިފައި" އޮފިޝަލް ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ޔާމީން ގޭ ބަންދަށް ބަދަލު ކުރީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު، އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމާ އެކުގައެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މުއިއްޒު ފުރަތަމަ ފަހަރަށް ޕޯޑިއަމަކަށް ވަޑައިގެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށެވެ.

މުއިއްޒު އެގޮތަށް އެދިވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ދެން ފެނިގެން ދިޔައީ ޔާމީން ގެއަށް ބަދަލު ކުރި ތަނެވެ. ގޭ ބަންދުގައި ހުއްޓާ، ކަސްރަތުކުރުމަށާއި މެޑިކަލް ކަންކަމުގައި ބޭރަށް ނުކުމެ އުޅެވޭ ގޮތަށް ކަރެކްޝަންސް އިން މިދިޔަ ހޮނިހިރު ދުވަހު ބޮޑެތި ލުއިތަކެއް ދިނެވެ.

އެކަމަކު، ފެނިގެން ދިޔައީ ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގެން ޕީޕީއެމް ސަޕޯޓަރުންނާ ބައްދަލު ކުރެއްވި ތަނެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަގަހަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ޔާމީން ވަނީ ޕޯޑިއަމްގައި ވާހަކަފުޅު ވެސް ދައްކަވައިފައެވެ.

އަދި އަންނަ ހުކުރު ދުވަހު، ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރެއްވުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބުނަނީ، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވާ، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.