އުއްމީދަކީ މަޖިލިސް ހުއްޓިފައިވާ މައްސަލައަށް ކޯޓުން އަވަސް ހައްލެއް ލިބުން: އަސްލަމް

އުއްމީދަކީ މަޖިލިސް ހުއްޓިފައިވާ މައްސަލައަށް ކޯޓުން އަވަސް ހައްލެއް ލިބުން: އަސްލަމް

Author
ހުސެއިން
31 އޮކްޓޯބަރ 2023 02:51
0

ރައްޔިތުންގެ މަޖިލިސް ހުއްޓިފައިވާ މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށާއި، އެހެންކަމުން އެ މައްސަލައަށް ކަމާއި ގުޅުންހުރި ކޯޓުން އަވަސް ހައްލެއް ލިބިގެންދާނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަދި އެމައްސަލަ ދިގުލައިގެން ހިގައިދާނެކަމަށް ނުބެލެވޭކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމައްސަލަ ދިގުލައިގެން ހިގައިދާނެކަމަށް ނުބެލެވޭ ސަބަބަކީ އެއީ ހައްސާސް މުހިންމު މައްސަލައަކަށް ވުމުގެ އިތުރުން އެއީ ދުސްތޫރީ މައްސަލައަކަށްވެސް ވާތީ ކަމުގައެވެ.

ދައުލަތުގެ އެއް ބާރު ހުއްޓިގެން މި ދަނީ. އެހެންވީމާ ދައުުލަތުގެ އެއްބާރު ހުއްޓިގެން ދިއުމަކީ މުޅި ދައުލަތް ހިންގުމަށް ހުރަސް އެޅިގެންދާނެ ކަމެއް. ދެން މިފަދަ މައްސަލަތައް ބެލުމަށް އިހުތިސާސް ލިބިގެންދާ ކޯޓުގައި އެއޮތީ. އެހެންވީމާ އެ ބޭފުޅުން ވެސް އަޅުގަނޑަށް ޔަގީން މައްސަލަައިގެ ހައްސާސް ކަަމަށް ބައްލަވައި ވީހާވެސް އަވަހަށް މައްސަލަ ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަމަށް.

އަސްލަމް ވިދާޅުވިއެވެ.

ނަޝީދު ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ގޮސްފައިވަނީ، މަޖިލިސް ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގައި ކުރިޔަށް ގެންދާން ޖެހޭނީ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއެއްގައިކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައި ވަނިކޮށް، ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ، މަޖިލިހަށް ސަލާމް ބުނުމާއެކު، އީވާ ސަލާމުގައި ހުންނަވަނިކޮށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް މަޖިލިސް އިދާރާއިން ނިންމުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެއަށް އެޖެންޑާ ކޮށްފައިވަނިކޮށް، އީވާ ސަލާމް ބުނުމާއެކު ޖަލްސާ ނިންމާލުމަށް މަޖިލިސް އިދާރާއިން ނިންމި ނިންމުމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން އިހުތިޖާޖުކޮށް އިދާރީ މުވައްޒަފުންގެ ތަކެއްޗަށްވެސް ގެއްލުން ދީފައި ވެއެވެ.

މަޖިލިހުގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވާ މަޖިލިސް ރައީސަށް ޖަލްސާގެ ރިޔާސަތުގައި ނީންނެވޭނެ ކަމުގައެވެ. މަޖިލިހުގެ ގަވާއިދުގައި އޮތް ގޮތުން މަޖިލިހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދާން ޖެހެނީ އެމަޖިލިހުގެ ނާއިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއެއްގައެވެ.

މިމައްސަލައާއި ގުޅިގެން، އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ދެ ކަމެއް އެ ކޯޓުން ނިންމައި ދިނުމަށެވެ.

ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިޔަށް ގެންދެވޭކަމަށް ކަނޑައަޅާ ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގައި އޮންނަނީ، މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ 5 މެމްބަރަކު ތިއްބަވާގޮތަށެވެ. އަދި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ދޭން ޖެހެނީ އެ މެމްބަރުންގެ ސީނިއަރިޓީއަށް ބަލައިގެންނެވެ.

އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލާގެ ދެވަނަ ކަމެއްގެ ގޮތުގައި އެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަޑައަޅައި ދިނުމަށެވެ.

މިހާރު މަޖިލިސް އޮތް ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ، ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްފަހު. ނަމަވެސް، އެ މަސައްކަތް އެގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް ރިޔާސަތުން އިސްވެ ހުރެ ހުރަސްއަޅަމުންދާހާ ހިނދަކު، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވިދާނެ އެއްވެސް މަގެއް ނެތް. ނަތީޖާއަކަށް ވާނީ، ރައްޔިތުންގެ މަޖިލީހެއް ވުޖޫދުގައި އޮވެމެ، މަޖިލިސް ހުއްޓުމަކަށް އައުމާއި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ގޮތަށް ބާރު ކެނޑުން،"

އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ބުނެފައި ވެއެވެ.

މި މައްސަލަ އެ ކޯޓަށް ބަލައިގަނެފައިވާއިރު އަޑުއެހުންތައް ތާވަލުކުރާނެ ދުވަސްތައް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.