މުއިއްޒު މިއަދު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ.

ދެވަނަ ބުރު ގޯއްޗާއި ފްލެޓަށް ފޯމް ހުށަހެޅި އެޕްލިކޭޝަންތައް ބާތިލް ނުކުރާނަން: މުއިއްޒު

ދެވަނަ ބުރު ގޯއްޗާއި ފްލެޓަށް ފޯމް ހުށަހެޅި އެޕްލިކޭޝަންތައް ބާތިލް ނުކުރާނަން: މުއިއްޒު

މި ސަރުކާރުގެ "ގެދޮރުވެރިން" ޕްރޮގްރާމުގެ ދަށުން ހިންގާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ އެޕްލިކޭޝަންތައް ބާތިލްކޮށް، އަލުން ހުށަހަޅަން ޖެހޭ ކަހަލަ އުނދަގުލެއް ކުރިމަތި ނުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގެ މުއްދަތު ހަމަވިއިރު، 40،000 މީހުން ވަނީ ފޯމު ހުށަހަޅައިފައެވެ. އެއީ ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން ހުށަހެޅީ 19،347 ފޯމެވެ. މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، މި މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސަރުކާރުން ނުބުނެއެވެ.

މުއިއްޒު މިއަދު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ހިމެނުނީ 18،955 މީހެކެވެ. ފްލެޓަށް ހުށަހެޅި 20،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅި އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް ނުލިބޭނެ ކަމަށެވެ. ގެދޮރުވެރިކަމަކީ ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ވެރިކަމެއްގައި އެންމެ މުހިންމު ސިޔާސަތުކަން ކެމްޕެއިން ތެރޭގައި ވެސް ތަކުރާރުކޮށް ދަންނަވާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއްގެ ސަބަބުން ރައްޔިތުންނަށް އުންމީދެއް ލިބިފައިވާ އެއްވެސް ކަމެއް ބާތިލް ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު، މިހާރަށް ވުރެ ރަނގަޅަށް ގިނަ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ބައްޓަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ޖެހޭ ކަހަލަ ގޮތެއް މެދުވެރިޔަކަ ނުދޭނަން. އެކަމަކު، މިހާރަށް ވުރެ ރަނގަޅަށް މިހާރަށް ވުރެ އިންސާފުވެރިކޮށް ގިނަ ރައްޔިތުންނަށް އޭގެން އެންމެ ފައިދާ ވާނެ ގޮތަށް ކަންކަން ބައްޓަން ކޮށްދޭނަން. އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަން ހުރި ނަމަ ރައްޔިތުންނަށް އޭގެން އެންމެ އިންސާފުވެރިވާނެ ގޮތަށް ފުރުސަތު ދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން އެއްކޮށް ޕްރޮސެސް ނިންމާ ފައިނަލް ލިސްޓް ނެރެ ރައްޔިތުންނާ ހަމައަށް ގެނެސްދީފި ނަމަ، އެ ގެންދިޔަ ހިސާބެއްގައި ހިފަހައްޓަވާނެ ކަމަށެވެ.

"އަޅުގަނޑެއް ނުވާނަމޭ މި ސަރުކާރުން އައިސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގެދޮރު ލިބޭނެ ކަމަށް ލިޔުން ދިން، ގެޒެޓް ކުރެވުނު މީހުންނާ ދޭތެރޭގައި ކަން ކުރި ގޮތަށް ކަން ކުރާނެ މީހަކަށް. އެފަދަ ކަމެއް ނުކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ މީހަކަށް އިހާނެތިކަމެއް ވިޔަ ދޭކަށް ނޫނެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދެއްވާނީ އެއަށް ވުރެ އޯގާތެރިކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފަހަރު ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލޭގެ ރަށްވެއްސަކަށް ވުމާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. ފްލެޓަށް ކަނޑައެޅި ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި ހިއްކާފައި ހުރި ބިންތަކުން ގޯތި ކަނޑައި ބައެއް މީހުންނަށް ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *