އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ފުރުޞަތު ނުދެއްވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބްލޫމްބަރގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ އެއްވެސް ކަމަކަށް އެމަނިކުފާނުގެ ވެރިކަމުގައި ފުރުޞަތު ނުދެއްވާނެކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ބްލޫމްބަރގު ޓީވީއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހިން ބޭނުން ނުވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް މިހާރުވެސް އިންޑިއާގެ ހައި ކޮމިޝަނަރ މުނޫ މަހާވަރާއެކު ކުރިއަށްދާކަމަށާއި، މި މަޝްވަރާތައް ކާމިޔާބުކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ހުރިހާ ޤައުމަކާއެކު ވަރަށް ޤާތްކޮށް މަސައްކަތްކުރައްވާނެ ކަމަށާއި، އެއްވެސް ޤައުމަކާއި ވަކި ހާއްސަ ގުޅުމެއް ނުބާއްވާނެ ކަމަށެވެ.
ޕްރޯ ޗައިނާ މީހެއްގެ ގޮތުގައި ލޭބަލްވެފައި އޮތް ނަމަވެސް އަޅުގަނޑު ޕްރޯ ޗައިނާއެއް ނޫން. ރާއްޖެއިން ހުރިހާ ޤައުމަކާއި އެކުވެސް ގާތްކޮށް މަސައްކަތްކުރާނެ. ރާއްޖެއަކީ ކުޑަ ޤައުމެއް. ރާއްޖެއިން ބޭނުމެއް ނުވޭ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ކޯޅުންގަނޑުގެތެރެއަށް ވަންނާކަށް.
– ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިންޑިއާ އެކޭ އެއްފަދައިން ޗައިނާއަކީ ވެސް ރާއްޖޭގެ ތަރައްގީ އަށް ގިނަ އެހީތައް ފޯރުކޮށްދެއްވި ގައުމެއް ކަމަށާއި އިންފްރާސްޓްރަކްޗަ އަދި ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓެއް ޗައިނާއިން ކޮށްފައިވާ ކަމަށެވެ.
އަދި ހަމައެއާއެކު އިންޑިއާ އިން ވެސް ރާއްޖެއަށް ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ ތަރައްގީގެ އެހީ ދީފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ކަން މިހެންހުރި ނަމަވެސް ރާއްޖޭގެ ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމަށް ނޭދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމުގެ އިތުރުން، އިންޑިއާއާ އެކު، މި ސަރުކާރުން ސޮއިކޮށްފައިވާ އެހެން އެއްބަސްވުންތައް ވެސް ރަނގަޅަށް މުރާޖައާ ކުރަން ބޭނުންފުޅުވާ ކަމަށް އިންތިހާބީ ރައީސް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ އެ އެއްބަސްވުންތަކުގައި ވަރަށް ގިނަ ކަންކަން ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްރު ކޮށްފައިވާތީ ކަމަށް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސްގެ މި ބަސްދީގަތުމުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާއި ގުޅޭގޮތުންވެސް ވަނީ އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ. އަމިއްލަ މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްތީނު އޮތުމުގެ ހައްޤު އެޤައުމުގެ ރައްޔިތުންނަށް އެބައޮތްކަން ފާހަގަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ، މިކަމުގައި ފަލަސްތީނުން ބޭނުންވާ އެހީތެރިކަން ރާއްޖެއިން ދެމުންދާނެ ކަމަށެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިފަހުން ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްޖޭގެ ބޭރުގެ ބޮޑެތި މީޑިއާތަކާއި ނިއުސް އެޖެންސީތަކަށް ޚާއްސަ ބަސްދީގަތުންތަކެއް ދެއްވަމުންނެވެ. އެގޮތުން އެމަނިކުފާނު މީގެ ކުރިން ވަނީ އަލްޖަޒީރާއާއި، ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީއާއި، ބީ.ބީ.ސީއަށް ޚާއްސަ ބަސްދީގަތުންތަކެއް ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ