އެމެރިކާއިން ސީރިއާގެ އަމާޒުތަކަށް އަސްކަރީ ހަމަލާ ދީފިއެވެ. އެމެރިކާގެ ދިފާއީ މަރުކަރު ޕެންޓަގަންއިން ހާމަ ކޮށްފައިވަނީ މި ހަމަލާތަކަކީ ސީރިޔާގައި ހުރި އިރާނަށް ތާއީދުކުރާ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ދިން ހަމަލާ ތަކެއް ކަމުގައެވެ. އަދި މިހަމަލާތައް އަމާޒުކޮށްފައިވަނީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑު ކޯޕްސްއާއި އެގައުމުން އެހީތެރިކަން ފޯރުކޮށްދޭ ހަނގުރާމަވެރި ޖަމާއަތްތަކުން ހަތިޔާރު ރައްކާ ކޮށްފައިވާ ގުދަންތަކަށް ކަމަށްވެސް އެމެރިކާއިން ބުނެފައި ވެއެވެ.
މި ހަމަލާތަކަކީ ސީދާ އަމާޒުތަކަށް ދިން ހަމަލާތަކެއްކަން ހާމަކުރައްވަމުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެފައިވަނީ މިހަމަލާތަކަކީ މިހާރު ހިގަމުންދާ ހަމާސް-އިސްރާއީލު ހަނގުރާމައާއި އެއްވެސް ގުޅުމެއް ހުރި ހަމަލާތަކެއް ނޫންކަމަށެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ސީރިޔާގެ އަމާޒުތަކަށް ރޭ ދަންވަރު ދިން ހަމަލާތަކުގެ މައުލޫމާތު އިސްރާއީލާ މަޝްވަރާކޮށް އަދި ކުރިން ހިއްސާވެސް ކޮސްފައި ނުވާނެކަމުގައެވެ.
އެމެރިކާގެ ހަމަލާތަށް ސީރިޔާއަށް އަމާޒުވެގެން ދިޔައީ، ސީރިޔާގައާއި އިރާގުގައި ތިބޭ އެގައުމުގެ ފައުޖުތަމަށް ހަމަލާދީފިނަމަ ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފައި ވަނިކޮށެވެ. ފާއިތުވެދިޔަ ހަފްތާގައި ސީރިއާ އަދި އިރާގުގައި ތިބޭ އެމެރިކާގެ ފައުޖުތަކަށް އަމާޒުކޮށްވަނީ ޑްރޯން ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި އެމެރިކާގެ 20 ސިފައިންނަށް އަނިޔާވެފައިވާކަމުގައި ޕެންޓަގަންއިން ބުނެފައި ވެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ މިހަމަލާތަކަކީ ހިގަމުންދާ ހަމާސް-އިސްރާއީލު ހަނގުރާމައާއި ގުޅުން ނެތް ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނިނަމަވެސް، މިހަމަލާތައް މިހަގުރާމައާއި ގުޅުން ނެތް ހަމަލާތަކެއްކަމަށް ދެކުމުގެ ފުރުސަތު ކުޑަކަމުގައެވެ.
އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު މިހާރު ހިގަމުންދާ ހަނގުރާމަ މުޅި އަރަބި ބައްރައް ފެތުރިގެން ދިއުމުގެ ނުރައްކާ އޮތް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.