ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުވާ މަޝްރޫއެއްގައި ސޮއި ކުރަން އުޅޭކަމަށް ބުނެ އަންގާރަ ދުވަހު ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ތަފާތު އެކި ސިނާއަތްތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރީގެ ހަރަކާތް ކުރިއަށްގެންދާ ކުންފުންޏަކަށް ވެފައ،ި ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ އާމްދަނީ އާއި ފައިދާ އަދި ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރުކުރުމާއެކު ކުންފުނީގެ ވަނަވަރު އިތުރަށް ތަރައްޤީކުރުމުގެ އިދާރީ ސަގާފަތާއި ސުލޫކުގެ އަސާސް އިސްކުރުމުގެ ރޫހުގައިކަމަށެވެ. މިކަން ފާއިތުވެދިޔަ ހަތަރު އަހަރު އެ ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކާއި މާލީ ނަތީޖާ އަދި އަހަރީ ރިޕޯޓުތަކުން ވެސް ސާފުކޮށް ފެންނާނެ ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އެގޮތަށް މަސައްކަތް ކުރާއިރުވެސް ރައްޔިތުންނަށް އޮޅުވާލައި، އެ ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފު ޚަބަރު ފަތުރަމުންދާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އެގޮތުން، އޮންލައިން ނޫހެއްގައި ކޮރަޕްޝަން ހިމެނޭ 55 މިލިއަން ޑޮލަރުގެ މަޝްރޫއެއްގައި އެމްޓީސީސީން ސޮއި ކުރަން އުޅޭކަމަށް ބުނެ ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ޚަބަރެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އޮންލައިން ނޫހުގައި ބުނެފައިވާ މަޝްރޫއަކީ ބައިނަލްއަގުވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖޭގައި ކުރިއައްގެންދިއުމަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން އެ މަޝްރޫއު ކާމިޔާބު ކުރުމަކީ މިވަގުތު ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ކްލައިންޓާއެކު މަޝްވަރާކުރަމުންދާ މިދަނޑިވަޅުގައި ކުންފުނީގެ ނަޒާހަތްތެރިކަމާމެދު ސުވާލުއެފެއްދުމުގެ މަގުސަދުގައި ހަގީގަތާ ޚިލާފު ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން އެކުންފުންޏަށް މަޝްރޫއު ގެއްލިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން މިވަގުތު މަޝްވަރާކުރަމުންދާ މިފަދަ އެހެން މަޝްރޫއުތަކާއި ކުރިއަށް ލިބޭނެކަމަށް ލަފާކޮށްފައިވާ މަޝްރޫއުތަކަށްވެސް މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެތައް ގެއްލުމެއް ލިބި، ކުންފުނީގެ ހިއްސާދާރުންކަމަށްވާ ދިވެހި ސަރުކާރާއި އާންމު ހިއްސާދާރުންނަށް ލިބޭނެ ކަމަށް ލަފާކުރި ނަފާ ގެއްލުމުގެ ފުރުސަތުވެސް އިތުރުކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް "ޕްރައިސިން ޕޮލިސީ" ގެ ނަމުގައި ކުންފުނިން ކުރާ ވިޔަފާރީގައި ފައިދާގެ އިންސައްތަ ހިމަނާނެ މިންވަރު ބަޔާންކުރާ ޕޮލިސީއެއް އެކަށައަޅާފައިވާ ކަމަށެވެ. އެގޮތުން، ކުންފުނިން ކުރިމަތިލާ ކޮންމެ ވިޔަފާރި މުއާމަލާތެއްގައި އެ ޕޮލިސީގައި ބަޔާންކޮށްފައިވާ ފައިދާގެ މިންވަރަށް ވުރެއް ދައްކޮށް މަޝްރޫއެއް ކުރިއަށްގެންދަން ކުންފުނީގެ މެނޭޖްމަންޓުން ބޭނުންވާނަމަ އެކަން ކުރިއަށްގެންދަން ކަޑައްތުކުރަންޖެހޭ މަރުހަލާތައްވެސް ޕޮލިސީގައި ހިމަނާފައިވާ ކަމަށާއި ވަކި އިންސައްތައަކަށްވުރެ ވިޔަފާރީގެ މުއާމަލާތުގެ ފައިދާ ކުޑަކަމުގައި ވަނީނަމަވެސް ޖުމުލަކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތު އިތުރުވާނެ ނުވަތަ ކުންފުނީގެ ވަނަވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއް ނުވަތަ މުއާމަލާތެއްކަމުގައިވާނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިޒުނައާއެކު ކުރިއަށް ދިއުމަށް އެ ޕޮލިސީން ހުރަސް ނާޅާކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ރައްޔިތުންގެ ހިތުގައި އެމްޓީސީސީއާއި އެ ކުންފުނީގެ މެނޭޖްމަންޓަށް ލިބިފައިވާ އިތުބާރާއި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބު އަމަލުގެ ސަބަބުން އެ ކުންފުންޏަނާއި ޖުމުލަކޮށް ރާއްޖޭގެ އިގުތިސާދައްވެސް އިޔާދަނުކުރެވޭނެފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް ދެކޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ކުންފުނީގެ އިސްވެރިންތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ބޭނުމުގައިކަމަށް ބަޔާންކޮށް އޮންލައިން ނޫހުގައި ތުހުމަތުކޮށް ލިޔެފައިވާ ޙަބަރުވެސް އެމްޓީސީސީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި އާއްމު ރައްޔިތުންނާއި ކުންފުނީގެ ވިޔަފާރީގެ ބައިވެރިންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް ވަނީ އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ