ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ދީނީ ޢިލްމުވެރިޔާ ޑރ.އަނާރާ ނަޢީމް ނިންމަވައިފިއެވެ. އަނާރާ ނަޢީމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ވާދަކުރެއްވިއެވެ. ނަމަވެސް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތެވެ.
އަދާލަތު ޕާޓީ ގެމެންބަރެއްގެ ގޮތުގައި މިހާތަނަށް މަޖިލިސް ތަމްސީލްކުރެއްވި ހަމައެކަނި މެންބަރު، އަނާރާ ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް ވާދަކުރައްވަނީ ހުރާ ދާއިރާއަށެވެ. އެއީ އަންނަ ދައުރަށް އިތުރުވި އައު ދާއިރާއެކެވެ. ހުރާ ދާއިރާއަށް ވާދަކުރައްވަން ނިންމެވިކަން އަނާރާ އިއުލާންކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.
ރިޔާސީ އިންތިކާބުގެ ކުރިން އަނާރާ ވަނީ އަދާލަތު ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެފަހުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާޢީދުކުރައްވަންވެސް ނިންމެވިއެވެ.
ރިޔާސީ އިންތިޚާބުގައި އަނާރާ ވަނީ ޑރ. މުޙައްމަދު މުޢިއްޒަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރައްވާފައެވެ.
އަނާރާ ހުރާ ދާއިރާއަށް ވާދަކުރައްވަން ނިންމެވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.
ކޮމެންޓު ފޮނުވާ