ހިޔާ ފްލެޓުގައި ލިފްޓްލާން ބަޖެޓުގައި ހިމަނައިފި، ކޮންމެ ފްލެޓެއްގައި 2 ލިފްޓް ހަރުކުރާނެ: ޑރ. މުޢިއްޒު

ހިޔާ ފްލެޓުގައި ލިފްޓްލާން ބަޖެޓުގައި ހިމަނައިފި، ކޮންމެ ފްލެޓެއްގައި 2 ލިފްޓް ހަރުކުރާނެ: ޑރ. މުޢިއްޒު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޖިޔާ ފްލެޓުތަކުގައި ލިފްޓް ހަރުކުރުމަށް ހިމަނާފައިވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށްފަހު ހުޅުމާލޭ ފޭސް ދެއަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވި ވަގުތަކީ ވަރަށް ބޯކޮށް ވާރޭ ވެހުނު ވަގުތެކެވެ. މިއާއެކު ރައްޔިތުންނާއި މުޚާޠަބުކުރައްވާ ދެއްކެވި ވަރަށް ކުރު ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާ ބަޖެޓުގައި، އައު ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމަށް ފުރުޞަތު ލިބިވަޑައިގެންނެވިކަމަށެވެ. އެހެންކަމުން އެއްކަމަކަށް ބަޖެޓުގައިހިމަނާފައިވަނީ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށްކަމަށާއި، ކޮންމެ ފްލެޓެއްގައި 2 ލިފްޓް ހަރުކުރެވޭނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. މިގޮތުން އެއް ލިފްޓަކީ ސްޓްރެޗަރ އުފުލޭ ލިފްޓެއްކަމަށާއި، އަނެއް ލިފްޓަކީ އެއްފަހަރާ 14 މީހުން އުފުލޭ ލިފްޓެއްކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އެ ވާހަކަފުޅަށްފަހު ވާރޭގައި އިންތިޚާބީ ރައީސް ވަނީ ރައްޔިތުންނާއި ސަލާމްކުރުން ކުރިއަށް ގެންދަވާފައެވެ. ހުލުމާލޭ ހިޔާ ސަރަހއްދުގައި ކުރިއަށްދިޔަ މިހަރަކާތުގައި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގަތެވެ.

ހިޔާ ފްލެޓުގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ އިންތިޚާބީ ރައީސް ކެމްޕެއިންގައި ވެވަޑައިގެންނެވި އެއް ވަޢުދެވެ.

ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒަށް އެންމެ ބޮޑު ތާޢީދެއް މާލެއިން ލިބިވަޑައިގަތީވެސް ހިޔާ ސަރަހައްދުންނެވެ. ކެމްޕެއިން ދުވަސްވަރުވެސް އެސަރަހައްދަށް ވަޑައިގެން މުޢިއްޒު ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

ހިޔާ ފްލެޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާ ވަހިކަން ކަށަވަރު ކޮށް ދިނުމަށް އަޅާދިން ފްލެޓްތަކެކެވެ. މިފްލެޓްތައް އިމާރާތް ކުރުމުގައި އެންމެ އިސްކޮށް ކުރީހެ ސަރުކާރުގައި ހަރަކާތްތެރިވީ ޑރ. މުއިއްޒުއެވެ. ހިޔާ ސަރަހައްދުން މުއިއްޒުއާއިސަލާން ކުރަން ތިބި މީހުންނާއި ސަލާން ކުރުމަށް 1 ގަޑިއިރަށް ވުރެ ގިނަ ވަގުތު ވަނީ ހޭދަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *