ޢައްޒާގެ ހޮސްޕިޓަލަށް ދިން އަނިޔާވެރި ހަމަލާ އަދާލަތުން ކުށްވެރި ކޮށްފި

ޢައްޒާގެ ހޮސްޕިޓަލަށް ދިން އަނިޔާވެރި ހަމަލާ އަދާލަތުން ކުށްވެރި ކޮށްފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހުރި ހޮސްޕިޓަލަކަށް ދިން ލާއިންސާނީ ހަމަލާ އަދާލަތު ޕާޓީން ކުށްވެރި ކޮށްފިއެވެ. އަދި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށްވެސް އަދާލަތު ޕާޓީން ވަނީ ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ އުދުވާން ކުށްވެރިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމުގައިވާ ‏އަލްމަސްޖިދުލް އަޤްޞާ ހިމެނޭ ފަލަސްޠީނާ ދެކޮޅަށް، އެ ބިމަށް ގަދަކަމުން ވެރިވެގެން އުޅޭ ޣައިރުޤާނޫނީ ޞިޙްޔޫނީ ދައުލަތުން ހިންގާ ރަޙުމެއް ނެތް ލާއިންސާނީ އިސްތިޢުމާރީ ޢުދުވާން އެ ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ވަކިން ޚާއްޞަކޮށް މެދުނުކެނޑި 11 ދުވަސް ވަންދެން ވައިގެ މަގުން ހަމަލާދީ ފަލަސްޠީނުގެ ޣައްޒާ ސުންނާފަތިކޮށް، ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދުކޮށް، އެތައްހާސް ބަޔަކު ޒަޚަމްކޮށް، އެތަނަކީ އިންސާނީ ދިރުމަށް އެކަށީގެންނުވާ ތަނަކަށް ހަދާ، ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާނާއާއި ބޭސްފަރުވާއާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފޯރުކޮދިނުމަށް ހުރަސްއެޅުމަށްފަހު އިސްރާއީލުގެ ޢަސްކަރިއްޔާއިން ޣައްޒާގެ އަލް-އަހްލީ ޢަރަބް ހޮސްޕިޓަލަށް ބޮންއަޅާ 500 އަށްވުރެ ގިނަ މީހުން ޝިހީދުކޮށްލުމަކީ އެއްވެސް މިންވަރަކަށް ދެބަސްވެ ދެކޮޅުހެދެންނެތް، ބައިނަލްއަޤުވާމީ ޤާނޫނުތަކަ ޚިލާފު ހަނގުރާމައިގެ ޖަރީމާއެއް ކަމުގައިވެސް އަދާލަތުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، އިސްރާއީލުގެ މި ރަހުމެއްނެތް ޖަރީމާތައް ހުއްޓުވާ، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއަޅާ ބައިނަލްއަޤުވާމީ މުއައްސާކުން އެ މައްސަލަތައް ބަލާ ފިޔަވަޅުއެޅުމަށްވެސް މިފުރުސަތުގައި ޢަދާލަތު އެ ޕާޓީން ގޮވާލާކަމުގައެވެ. ހަމަ އެފަދައިން އިސްރާއީލުގެ ޢުދުވާނަށް ވާގިވެރިވެ ކުށެއްނެތް ކުޑަކުދިންމެރުމަށް އެހީތެރިވެ ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ހުޅަނގުގެ ޤައުމުތަކުން ވަގުތުން އެކަން ހުއްޓާލުމަށް ވެސް ޢަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ..

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *