ފެނަކަ ކޯޕަރޭޝަން މިހާރު އޮންނާނީ 3.5 ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ފެނަކައިން ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރަށް މަޖިލިހުގައި މިއަދު ވަނީ ބަހުސްކޮށްފައެވެ.
މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި އިލްޔާސް ވިދާޅުވީ ފެނަކައިން 2.8 ބިލިއަން ރުފިޔާ ދަރާފައި އޮތް ކަމަށް ބުނި ނަމަވެސް މިހާރު ދަރާފައި އޮތް އަދަދު 3.5 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ފެނަކައާ ހުރެ އެސްޓީއޯވެސް ބަނގުރޫޓްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ސަބަބުން ހަމައެކަނި ކުދި ވިޔަފާރިތައް ބަނގުރޫޓްވެގެން ދާ ދިއުމުގެ އިތުރަށް އެސްޓީއޯވެސް އެބަ ބަނގުރޫޓްވޭ.އެސްޓީއޯއިންް ތެޔޮ ސަޕްލައިކޮށްފަަ އެތަނަށް ލާރި ދެއްކި ދުވަހެއްވެސް ނޭނގޭ. އެހެން ނަމަވެސް ތެޔޮ ސަޕްލައި ކުރުމުގަ ސަރުކާރުން އަންގަނީ އެސްޓީއޯއިން އަނެއްކާ ލޯނެއް ނަގާފަ ކޮންމެވެސް ތަނަކުން ކްރެޑިޓް ފެސިލިޓީއެއް ނަގާފަ ތެޔޮ ގެންނާށޭ. އެކަމަކު ތެލަކަށް ލާރިއެއް ނުދައްކާ." އިލްޔާސް ވިދާޅުވިއެވެ.
ފެނަކަ އަށް ލިބޭ ފައިސާ ބޭނުން ކުރަނީ ކޮން ކަމަކަށްތޯ ސާފުކޮށް އެނގެން ޖެހޭ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. ފެނަކައިން ފައިސާއެއް ހޯދަން ވެއްޖެނަމަ އެ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ ބޭފުޅުންނަށް ފައިސާ ދީގެންވެސް ފައިސާ ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުދި ވިޔަފާރިތައް ބަނގުރޫޓުވެފައިވާ އިރު، އެމީހުން އަހަރު ނިމިގެންދާ އިރު މީރާ އަށް ޓެކްސް ފައިސާ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޓެކްސް ނުދައްކައިފި ނަމަ، އެމީހުންގެ އޮފީސް ރެއިޑްކޮށް، އެކައުންޓް ސަސްޕެންޑް ކުރާ ހިސާބަށްދާ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
"އެމީހުން މުސާރަ ދޭން ޖެހޭ، ކުލި ދޭން ޖެހޭ، ކަރަންޓު ބިލް ދައްކަން ޖެހޭ، ފެން ބިލް ދައްކަން ޖެހޭ. އެކަމަކު، އެމީހުންނަށް ލިބެން ޖެހޭ ލާރި ނުލިބުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދިމާވޭ. އެ މައްސަލަތައް ބަލައި ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭ. އަދި މި ވިޔަފާރިތަކަށް ލިބެން ޖެހޭ ފައިސާ ލިބެން ޖެހޭ،" އިލްޔާސް ވިދާޅުވިއެވެ.
މީގެއިތުރުން ވިޔަފާރިތަކަށް ބިލްކޮށްފައި ހުރީ ރަނގަޅު އަދަދުތަކެއްތޯ ވެސް ބެލުމަކީ މުހިންމު ކަމެއް ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. މިކަންކަން ނުބެލޭ ކަމުގައިވާ ނަމަ، ދައުލަތަށް ހަމައަކަށް ނޭޅުވޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
ފެނަކައިން ކުންފުނިތަކަށާއި ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އެ ކުންފުނިތަކުން އެތައް ފަހަރަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ.