ނަޝީދު ޖަވާބުދާރީ ވާން 30 މިނެޓު ދިނުމަށް ނިންމައިފި

ނަޝީދު ޖަވާބުދާރީ ވާން 30 މިނެޓު ދިނުމަށް ނިންމައިފި

Author
އަހުމަދު
18 އޮކްޓޯބަރ 2023 12:31
0

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާން 30 މިނިޓު ދޭން އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އާންމު ކޮމިޓީގެ ބައްދަލުވުމުގައި  މަޖިލީހުގެ ރައީސަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށާއި ކޮންމެ މެންބަރަކަށް ބަހުސް ކުރައްވަ ތިން މިނިޓް ދިނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ހުށަހެޅުއްވީ ފެށުމާއި މެދުތެރެއިންނާއި ނިންމަމުން ވަކިވަކިން 10 މިނެޓުގެ ފުރުސަތެއް ނަޝީދަށް ދެއްވުމަށެވެ.

ޝާހިދުގެ ހުށަހެޅުއްވުމަށް އާންމު ކޮމިޓީގެ ހަތަރު މެމްބަރަކު ތާއީދު ކުރެއްވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް އެމަނިކުފާނަށާއި، މަޖިލީހުގެ މެންބަރުންނަށް ފޮނުއްވާފައި ވަނީ މި މަހުގެ 12 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލީހަށް ވެއްދީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީންނެވެ. އެ ގަރާރުގެ ނޯޓިސް މެންބަރުންނަށް ފޮނުއްވާފައި މިވަނީ، އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވިދާނެކަމާމެދު ރައީސް ނަޝީދު ސުވާލު އުފައްދަވާފައިވަނިކޮށެވެ.

މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

އެހެންވެ، ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް ވެސް ގަރާރުގައިވެއެވެ. މިއީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ދެވަނަ ފަހަރެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއިއެކުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ދަށް ނަތީޖާއާއެކު، އެމްޑީޕީން ޑިމޮކްރެޓްސްއާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ ބޭނުމުގައި އެ މައްސަލަތައް އަނބުރާ ނެގިއެވެ. އެ މައްސަލަތައް އަނބުރާ ނެގިނަމަވެސް ޑިމޮކްރެޓްސް އިން އެމްޑީޕީއަށް ތާޢިދުކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއިއެކުއެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އެމްޑީޕީގެ 55 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އެ މައްސަލަ މަޖިލިހުން ފާސް ކުރަން 45 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.