މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ.ފަޒީލް ނަޖީބު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
ޑރ.ފަޒީލް ވާދަކުރެއްވުމަށް ނިންމަވާފައިވަނީ އަމިއްލަފުޅު ރަށްކަމަށްވާ ފުވައްމުލަކުގެ ދެކުނު ދާއިރާއަށެވެ. އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުމަށްކަމަށް ޑރ.ފަޒީލް ވިދާޅުވިއެވެ. އަދި މަގާމަށް ކުރިމަތިލާން ނިންމެވީ ދިވެހި ރައްޔިތުން އަދި ހާއްސަކޮށް އޭނާ އުފަން ރަށް ފުވައްމުލަކުގެ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ނިޔަތުގައިކަމަށްވެސް ޑރ.ފަޒީލް ވިދާޅުވިއެވެ.
އޭނާ ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ ތާޢީދަށް އެދިވަޑައިގެންފައެވެ.
ކޮމާޝަލް ލޯ (އިންޓެލެކްޗުއަލް ޕްރޮޕަޓީ) އިން ޕީއެޗްޑީ ހާސިލް ކުރައްވައި، އިންޓަނޭޝަނަލް ބިޒްނަސް ލޯ އިން އެލްއެލްއެމް އަދި އިކޮނޮމިކްސް އިން ބީއޭ އޮނަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފަޒީލް، އެމްއެމްއޭގެ ގަވރުނަރުކަން ކުރެއްވީ އޮކްޓޯބަރު 2008 އިން ޑިސެމްބަރު 2013 ގެ ނިޔަލަށެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މޯލްޑިވްސްގެ ގަވަރުނަރުގެ އިތުރުން ދެކުނު އޭޝިއާގެ މަރުކަޒީ ބޭންކުތަކުގެ ނެޓްވޯކެއް ކަމަށްވާ ސާކް ފައިނޭންސްގެ މިހާރުގެ ޗެއާމަނަކީވެސް ޑރ.ފަޒީލް ނަޖީބެވެ.
ކޮމެންޓު ފޮނުވާ