ކިތަންމެ ވަރަކަށް އިމާރާތްތައް ހެދިޔަސް، އަދި ބުރިޖް އަޅާ ކިތަންމެ ބިމެއް ހިއްކި ކަމުގައިވި ނަމަވެސް ހަގީގީ ތަރައްގީއެއް ނާންނާނެ ކަމަށާއި، ހަގީގީ ތަރައްގީއަކީ އަމިއްލަ ނަފްސާއި ސިކުނޑީގެ މުއްސަނދިކަން ކަމުގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިންނާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ވިސްނުމާއި ސިކުނޑި ތަރައްގީކޮށް ހިތުގެ މުއްސަނދިކަން ނާންނަހާ ހިނދަކު ހަގީގީ މާނާގައި ގައުމު ތަރައްގީ ނުކުރެވޭނެ ކަމުގައެވެ.
ކިތަންމެ ވަރަކަށް އިމާރާތްތައް ހެދިޔަސް، ކިތަންމެ ވަރަކަށް ބްރިޖު އެޅިޔަސް، ކިތަންމެ ބިމެއް ހިއްކިޔަސް، އުމްރާނީ ތަރައްގީ ގެނަޔަސް ހަގީގީ ތަރައްގީ ނާންނާނެ. ނަފްސުގެ މުއްސަނދިކަން ސިކުނޑީގެ މުއްސަނދިކަން ހިތުގެ މުއްސަނދިކަން އަނބުރާ ނާންނަހާ ހިނދަކު ހަގީގީ މާނައިގައި ގައުމު ތަރައްގީ ނުވާނެ.
ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ ގައުމުގެ ދިވެހިވަންތަކަމާއި ދީނީ ބައެއް ސިފަތައްވެސް މިހާރު ނެތެމުންދާ ކަމުގައެވެ. އެހެންކަމުން އެކަންކަން އިއާދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހިންގެ ދީން ހިމާޔަތް ކުރުމަށްޓަކާ ދީނީ ވާހަކަތަކާއި ދީނީ މައުލޫމާތު ދެމުން އަންނަ ގޮތްތައްވެސް މިއަދު ބަދަލުކުރަން ޖެހިފައިވާ ކަމުގައެވެ.
އަދި ވިދާޅުވީ މިކަންކަން ހާސިލް ކުރުމަށްޓަކާ އެމަނިކުފާނުގެ މެނިފެސްޓޯގައި ގްރާންޓް ސްކީމެއް ހިމަނުއްވާފައިވާ ކަމުގައެވެ.
މުއްސަނދި ހަޒާނާ އެބަހުރި، އެހެންނަމަވެސް މީގެ ބޭނުން ކުރަން އެބަ ޖެހޭ، އިލްމީ ދިރާސާތައް ކުރެވި، ޕްރެކްޓިކަލް ސޮލިއުޝަންތައް ނެރެވެން އެބަޖެހޭ، އޭރުން އަޅުގަނޑުމެންގެ ގައުމު ދެން އޮތް ޖީލަށް ފޯރުކޮށްދެވޭނެ.
ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ވިދާޅުވީ ދިވެހި ބަހަށާއި އިސްލާމް ދީނަށާއި ސަގާފަތާއި އާދަކާދަތަކަށް މީގެކުރިން ދީފައި ނުވާވަރަށް އިސްކަންދީ ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ