ރާއްޖެއަށް ޗައިނާ ސިފައިން އައިކަމަށް ބުނެ އިއްޔެ އެއަރޕޯޓުގައި ބޭރު ސިފައިންތަކެއް ތިބި ވީޑިއޯއަކީ، ޓްރާންސިޓަށް އައި ޖަޕާނު ސިފައިންތަކެއްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެ ވީޑިއޯގައި ފެންނަނީ އަސްކަރީ ޔުނީފޯމުގައި އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލުން ސިފައިންތަކެއް ނިކުމެގެން އަންނަތަނެވެ.
އެމްއެންޑީއެފުން ބުނީ، އެއީ ނަގަންޖެހޭ ހުއްދަތަށް ނަގައިގެން ރާއްޖެއައި ޖަޕާނުގެ އަސްކަރީ ބައެއްކަމަށެވެ. އެމީހުން ރާއްޖެއައީ އެއްވެސް ތަމްރީނަކަށް ނޫންކަމަށާއި، އެއީ ޓްރާންސިޓަށް އައި ބައެއްކަމަށެވެ.
މިސަރުކާރުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ޤާއިމުވެ ތިބިކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެއީ ރިޔާސީ އިންތިޚާބުގައިވެސް މިސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
މިއާއެކު ޑރ. މުޙައްމަދު މުއިއްޒު އިނތިޚާބުވެފައިވާއިރު، އައު ސަރުކާރުގައި ޗައިނާ އަސްކަރިއްޔާ ރާއްޖެ އަންނާނެކަމަށާއި، ދައުރު ނުފެށެނީސް އެމީހުން ރާއްޖެ އައީކަމަށް ބުނެ އިއްޔެ އެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ.
އިންތިޚާބީ ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަމަށް ވިދާޅުވެފައެވެ. އެ ފުރުޞަތު ނުދެއްވާނެކަމަށާއި، އެއީ ޤައުމުގެ މިނިވަންކަމާ ގުޅުންހުރިކަމެއްކަމަށް ވިދާޅުވެފައެވެ.