"ހަރުކަށި ފިކުރު" ކަމަށްބުނެ ވާހަކަ ދައްކަނީ ވަކިބަޔަކު ރުއްސަން: ސަޢީދު

"ހަރުކަށި ފިކުރު" ކަމަށްބުނެ ވާހަކަ ދައްކަނީ ވަކިބަޔަކު ރުއްސަން: ސަޢީދު

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2020 11:42
0

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށްބުނެ ރައީސް ނަޝީދު ވާހަކަ ދައްކަވަމުންދަނީ ވަކި ބަޔަކު ރުއްސުމަށް ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ. އިންޑިއާ އައުޓް ކެމްޕެއިނަކީ އޭގެ ހަރަކާތެއް ކަމަށާއި އެކަން ކުރަނީ މަދު ބަޔަކު ކަމަށާއި އަދި ސިޔާސީ ޕާޓީއަކުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން ސައީދު ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި އަދަދު ހޯދުމަށް އެދުމަކީ ޤާނޫނު އަސާސީން ލިބިގެންވާ ހައްގެއްކަމަށެވެ. އެހައްގުގެ ބޭނުންކޮށް އަދަދު ސާފު ކުރަން އުޅުމުން މައުޟޫއާއި ނުވެސް ގުޅޭ ވާހަތަކެއް ދައްކައި މިކަމާއި "ހަރުކަށި ފިކުރު" އާއި ގުޅުވަނީ ވަކި މަޤްޞަދެއްގައި ކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރުމަށް ސަރުކާރުގައި އެދުމަކީ ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ ހައްގެއް. މައުޞޫއާއި ނުގުޅޭ ކަންކަމާއި މިކަން ގުޅުވަނީ، މުސްލިމް ޤައުމަކަށް ރާއްޖެ ވުމާއި، "ހަރުކަށި ފިކުރު" ކަމަށްބުނެ ޤައުމުތައް ރުއްސަން

– ސައީދު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އެމީހުންނަށް ކުރަމުން އަންނަ ޚަރަދު އޮޅުންފިލުވުމަށް އޮންލައިން ނޫހަކުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކޮށްފި ނަމަ މި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަަރާފާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.