ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށްވުރެ މިސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް މާގިނަކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައި އިންތިޚާބީ ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަަޕްޝަންގެ މައްސަލައަށްވުރެ މާ ގިނަ ކޮރަޕްޝަން މިސަރުކާރުން ހިންގާފައިވާކަމަށާއި، އެކަންކަން ބައްލަވާނެކަމަށެވެ. މިސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އެންމެންވެސް ދައްކާކަމަށާއި، އެގޮތުން ސަރުކާރުގެ މެންބަރުންވެސް މަޖިލީހުގައި މިސަރުކާރުގެ ކޮޕްޝަންގެ ވާހަކަތައް ދައްކާކަން އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ.
އެތައް ބިލިއަން ރުފިޔާއެއް މިސަރުކާރުގައި ގެއްލިފައިވާކަން ހާމަކުރައްވަމުން އިންތީޚާބީ ރައީސް ވަނީ ކޯވީޑްގެ ތެރޭގައި ރާއްޖެ ގެނަންން އުޅުނު ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލަވެސް ފާހަގަކުރައްވާފައެވެ. އެއީ މިސަރުކާރުން ޖަވާބުދާރީ ވާންޖެހޭނެ ކަންކަންކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. ދައުލަތުން ގެއްލުނު ފައިސާއަށް ޖަވާބުދާރީ ނުނެވި ނުހުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ޑރމުޢއިއްޒު މީގެ ކުރިން ރިޔާސި ކެމްޕެއިންގައިވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު ކުަރއްވާނީ ދެފުށްފެންނަ ވެރިކަމެއްކަމަށެވެ. ރައްޔިތުންނަށް އެވެރިކަމުގެ ހުރިހާ ކަމެއް ހާމައަށް ފެންނަން ހުންނާނެކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް ސުވާލު ނުކުރާނެކަމަށާއި، ނަމަވެސް އެމީހަކު ކުށެއް ކޮށްފިނަމަ ޖަވާބުދާރީވާން ޖެހޭނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވެއެވެ.
ޑރ.މުއިއްޒު ވަނީ އެމަނިކުފާނުގެވެރިކަމުގައި އެއްވެސް މީހަކު ކޮރަޕްޝަންގެ އަމަލެއް ހިންގާކަން ފާހަގަވެއްޖެނަމަ، އެ މީހަކު މަޤާމުން ވަކިކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.