ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް އޮމާންކަމާ އެކީގައި ކުރިއަށްދާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޮފީހުގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑައިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ވެރިިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް ކަމަށެވެ. ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންތިގާލީ އޮފީހެއް އުފެދި، އެ އޮފީހަށް އިންތިގާލީ ރައީސް ކަނޑައަޅުއްވާ ޑައިރެކްޓަރު ޖެނަރަލްގެ ދަށުން މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކުގެ ހާލަތު ދެނެގަތުމުގެ ގޮތުން 15 ކޮމިޓީއެއް އުފައްދައި ކޮންމެ ކޮމިޓީއެއްގައި 40 ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މަސައްކަތުގައި 500 އެއްހާ މީހުން ބައިވެރިވަމުންދާ ކަމަށެވެ.
"މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ވާނީ ސިޓީ ފޮނުވިފައި. އޭގެ ތެރެއިން ވަރަށް ގިނަ މުއައްސަސާތަކުން ޖަވާބު ލިބި، އެ މުއައްސަސާތަކަށް ޓީމުތައް އެބަ ޒިޔާރަތް ކުރޭ. އަޅުގަނޑު ޖުމްލަ ގޮތެއްގައި ބުނެލަން ބޭނުން ވަނީ ސްމޫތުކޮށް ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް ހިނގަމުންދޭ. އަޅުގަނޑުމެން ޒިޔާރަތް ކުރި ހުރިހާ އޮފީހަކުން ކަހަލަ ގޮތަކަށް ފުދޭ ވަރަކަށް އެއްބާރުލުން އެބަ ލިބޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ތަންތަނުން ސާފު ކުރަމުން ދަނީ މައިގަނޑު ގޮތުން އިދާރީ ހިންގުން ހުރި ގޮތެވެ. އަދި ސިޔާސީ ގޮތުން އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައުލޫމާތު ވެސް ނަގަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ތަނުގެ މާލީ ހާލަތު ހުރި ގޮތާއި ހިންގަމުންދާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ސާފު ކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އުންމީދުކޮށްގެން މިތިބީ މި މަހުގެ 15 ވާން ވާ އިރަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބޮޑު ބައި ނިންމާލެވޭނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.