އެކްސިޑެންޓުވެ ފަރުވާދެމުން ދިޔަ ކުރީގެ މިނިސްޓަރ އަމީންގެ ބައްޕަ ނިޔާވެއްޖެ

އެކްސިޑެންޓުވެ ފަރުވާދެމުން ދިޔަ ކުރީގެ މިނިސްޓަރ އަމީންގެ ބައްޕަ ނިޔާވެއްޖެ

Author
އައިޝަތު އަޙްމަދު
08 އޮކްޓޯބަރ 2023 07:18
0

އެކްސިޑެންޓުވެ ފަރުވާދެމުން އަންނަނިކޮށް ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ ބައްޕަ އަޙްމަދު މަނިކު ނިޔާވެއްޖެއެވެ. ނިޔާވީ ރޭ ދަންވަރު 02:50 ހާއިރުއެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 74 އަހަރެވެ.

އަޙްމަދު މަނިކު އެކްސިޑެންޓުވެފައިވަނީ، ހުކުރު ދުވަހުގެ ރޭ އިޝާނަމާދަށްފަހު، މާލޭ ބޭރުމަގ،ު ޗައިނާ އެމްބަސީ ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް، ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ސައިކަލުގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަޙްމަދު މަނިކުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. އަދި ސިކުނޑިއަށް ލޭއެޅި، ނިޔާވީ، ހޭނާރައި އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.

އަޙްމަދު މަނިކަކީ، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ނާއިބު ސަފީރު މުޙައްމަދު އަމީތު އަޙްމަދު މަނިކުގެވެސް ބައްޕާފުޅެވެ.

އަޙްމަދު މަނިކުގެ މައްޗަށް ކުރެވޭ ކަށު ނަމާދުކުރުން އޮންނާނީ އަސުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

މާތް ﷲ މައްޔިތާގެ ފުރާނައަށް ހެޔޮރަޙްމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
މި ޚަބަރުގެ ސުރުޙީ ކިޔާލުމުން ދޭހަވީ އެކްސިޑެންޓް ވެގެން ފަރުވާ ދެމުންދިޔައީ ކުރީގެ މިނިސްޓަރު އަމީނަށްކަމަށާއި، އަދި އޭނާގެ ބައްޕަ ނިޔާވެއްޖެކަން. ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ އެކްސިޑެންޓުވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވިކަމަށް އޮތްނަމަ ދެނެގަންނަން ތަންކޮޅެއް ފަސޭހަވީސް.