އަދާލަތު ޕާޓިގެ ހުރިހާ ނިންމުންތައް ނިންމާނީ މަޝްވަރާގެ މަތިވެރި އުސޫލުން ދީނާ، ގައުމާ އަދި ރައްޔިތުންގެ އެންމެ މަސްލަހަތުގެ މަތީންކަމަށް ހޯމް މިނިސްޓަރ އަދި އަދލަތު ޕާޓިގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރެއްވިނަމަވެސް، އިންތިޚާބު ނާކާމިޔާބުވުމަށްފަހު ޢިމްރާން ގެންދަވަނީ ގިނަ ޓްވީޓްތަކެއް ކުރައްވަމުންނެވެ.
އެގޮތުން ޢިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރާރުގައި އޮތަސް އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި އޮތަސް އަދާލަތު ޕާޓީގެ ނިންމުންތައް ނިންމާނީ މަޝްވަރާގެ މަތިވެރި އުސޫލުން ދީނާ، ގައުމާ އަދި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.
ސިޔާސީ މަސައްކަތަށް ނުކުންނަން ވާނީ ފާޑު ކިޔުންތައް އަންނާނެ ކަން އެނގި އެކަން ތަހަންމަލް ކުރުމުގެ ވިސްނުމާ ވެސް އެކުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.
ޢިމާރާން އިސްވެ ހުންނަވައިގެން އޭނާގެ އަދާލަތު ޕާޓީން މި ފަސް އަހަރު ކުރިއަށްދިޔައީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ކޯލިޝަން ހަދައިގެންނެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބަށްވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބެއް ނުވެއެވެ.
އިމްރާން މިހާތަނަށް އައީ އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚާއްޞަކޮށް އިންތިޚާބުގެ ތެރޭގައި ޑރ.މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ނަމަވެސް ޢިމްރާަށްވެސް އެކަމާއި ގުލިގެން ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން ޢިމްރާން ބޮޑަށް މަސައްކަތްކުރައްވަނީ މަޤާމުގެ ބޭނުމުގައިކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ސަރުކާރުގައި އަދާލަތު ޕާޓީ އޮތްނަމަވެސް މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ޢިމްރާނާއި އަދާލަތަށް ޢަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަކީ، އެޕާޓީއަށް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުމެވެ. ކައުންސިލް އިންތިޚާބުގައިވެސް ކާމިޔާބުކުރެވުނީ ވަރަށް މަދު ގޮނޑިއެކެވެ.
ޢިމްރަނާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙުގެ ވަރަށް އަރިސް ބޭފުޅުންތަކެކެވެ. ނަމަވެސް މިސަރުކާރު އައުމުގެ ކުރިން ޢިމްރާން ވަނީ އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.