އެމްޑީޕީއަށް މަޖިލީސް އިންތިޚާބުގައި އެންމެ ގޮޑިއެއްވެސް ލިބިދާނެކަމާ މެދު ޝައްކުކަމަށް ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރަނިންމޭޓު ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.
ރޭ ދަ ޑިމޮކްރެޓްސްއިން ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަމްރު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޢަމްރު ވިދާޅުވީ، ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިމުވުން އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވިކަމަށާއި، ނަމަވެސް އެ މަޖިލީހުގައި މަޝްވަރާކުރެއްވީ ވުޖޫދުގައިވެސް ނެތް މައްސަލައަކަށްކަމަށާއި، ނިޒާމީ ވޯޓެއް ނަގަން އަދި ނޫޅޭކަމަށެވެ. އެވާހަކަ ޑިމޮކްރެޓްސްއިން ކުޑަކޮށް ދެއްކުމުން އެކަމަށް އެމްޑީޕީގެ ލީޑާޝިޕުން ޤައުމީ މަޖިލީހުގައި މަޝްވަރާކުރީކަމަށް އަމްރު ވިދާޅުވިއެވެ. ޢަމްރު ވިދާޅުވީ އިންތިޚާބަކުން ބަލިވުމުން އެއަށްވުރެ މާ މުހިންމު ކަންކަން ޕާޓީގެ ތެރޭގައި މަޝްވަރާކުރުމަށް ހުންނާނެކަމަށެވެ.
އަމްރު ވިދާޅުވީ، 5 އަހަރު ތެރޭ އެމްޑީޕީ ކުޑަވަމުން ކުޑަވަމުންގޮސް އަދި ބޮޑު ބާރާއެކު ހަވާލުކުރި ވެރިކަން ކުޑަވެގެން އައި ގޮތް އެޕާޓިން ބަލަން ޖެހޭކަމަށެވެ. ނަމަވެސް އެކަމަށް ލީޑާޝިޕުގެ ޝަޢުޤުވެރިކަން ނެތްކަމަށްވެސް އަމްރު ވިދާޅުވިއެވެ.
ސިޔާސީ ޕާޓިއަކަށްވުރެ ވަކި މީހަކު މުހިންމު ނުވާނެކަމަށާއި، އެހާ ބޮޑު ނާކާމިޔާބެއް ލިބުމުން ޕާޓީގެ ކުރިމަގަށް މަޝްވަރާ ކުރަންޖެހޭނެކަމަށެވެ.
އެންމެ މުހިންމު އެއްކަމަކީ ރާއްޖެއަށް ސިޔާސީ ހަމަޖެހުންގެނައުމާއި ޕާޓީގެ ކުރިމަގު އެކުލަވާލުންކަމަށްވެސް އަމްރު ވިދާޅުވިއެވެ.
ޚާއްޞަކޮށް އެޕާޓީ މިހާރު އެއޮތް ދަރަޖައިން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގަ އެންމެ ގޮނޑިއެއް ނެގުމާ ދޭތެރޭވެސް ޝައްކު. އެހާލުގަ އޮތީ. އެހެންވީމަ ދައްކަން ޖެހެނީ އެ ވާހަކަ. ކިހިނެއްތޯ ދެން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ގޮނޑިއެއް ލިބޭނީ. އެކަން ކުރުމަށްޓަކައި ކުރަން އޮތް އެންމެ މުހިންމުކަމަކީ ދަ ޑިމޮކްރެޓްސްއިން ހުށައަޅާފައި އޮތް މަޖިލިސް ރިފޯމް ކިރުމުގެ ބިލަށް ވާހަކަ
ދެއްކުން.
– ޙުސައިން ޢަމްރު ވިދާޅުވިއެވެ.
ޢަމްރު މިހެން ވިދާލުވެފައިވާއިރު، ރިޔާސީ އިންތިޚާބުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު ބޭއްވި އެޕާޓިގެ ފުރަތަމަ ޤައުމީ މަޖިލީހުގައި މަޝްވަރާކުރީ މަޖިލީހަށް ހުށައަޅާފައި އޮތް ނިޒާމީ ވޯތެއް ނެގުމުގެ ޤަރާރަށެވެ. އެމްޑީޕީން އިންތިޚާބުން ބަލިވި ސަބަބުތަކާއި ގުޅޭގޮތުން މަޝްވަރާއެއް ނުކުރެއެވެ.
އެ މަޖިލީހުގައި ރައީސް ވަނީ ދެން އެޕާޓީ އޮންނަނީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.