މިނިވަން ވަންދެން މަގުމަތީ ހަރަކާތްތައް ވަރުގަ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުންނާއި ޢާންމު މެމްބަރުންގެ ކިބައިން ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން މިގޮތަށް އެދިވަޑައިގެންފައިވަނީ ހުޅުމާލޭ ކެމްޕެއިން ޓީމު އެމަނިކުފާނަށް ފަރިވަޅެއް އެރުވުމަށް ރޭ ބޭއްވި ހަރަކާތުގައި ގެކޮޅުގައި ހުންނަވައިގެން ސަޕޯޓަރުންނާއި މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަންކޮށް ދެއްވުމުގައި ވީހާވެސް ގިނަ ބޭފުޅުންގެ ބައިވެރިވުން އޮތުމަކީ އެދިވަޑައި ގަންނަވާ ކަމެއް ކަމަށެވެ. މިހާރު މަގުމަތީ ހަރަކާތްތައް ހިންގައިގެން ފުލުހުންނާއި ސިފައިން މީހުން ނަގައި އަނިޔާވެރިވާން ނާންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑުގެ ޕާޓީގެ ބޭފުޅުން ވެސް ތިބޭފުޅުން ވެސް މަސައްކަތް ކުރަންވީ ދެން މިހާރު މަގުމަތީގައި ހިންގާ ހަރަކާތްތައް މިއަށްވުރެ ވަރުގަދަކުރަން. މިހާރު ތިބޭފުޅުން ނަގާ އުކާލާކަށް ފުލުހުންނެއް ނާންނާނެ. ސިފައިން ނާންނާނެ. މިހާރު ނުކެރޭނެ އަންނާކަށް. އޭރުވެސް އައީ އަންނަން ބޭނުންވެގެންނެއް ނޫން. ދަންނަވާލަން ބޭނުންވަނީ މި އަދަދުތައް ގިނަ ކުރައްވާށޭ މަސައްކަތް ވަރުގަދަ ކުރައްވާށޭ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނު މިނިވަން ކުރުމަށް މީގެ ކުރިން ނިކުތް ޕާޓީގެ ބައެއް އިސްބޭފުޅުން މިހާރު ނުފެންނަ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެބޭފުޅުން މިހާރު އަމަލު ކުރަމުންދާ ގޮތަށް ދިވެހި ހަރު ބަހެއް ވިދާޅުވެ ވާހަކަ ކުރު ކޮށްލައްވާފައެވެ.
އާންމުކޮށް މުހާވިރާ ބަހެއްގައި މި އޮންނަނީ ކުދި ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށޭ. އެހެންވީމަ ބޮޑު ސޯބުތައް އެބުރެންޖެހޭ. މި ކުދި ސޯބުތައް މިއަށް ވުރެ ބާރަށް އެބުރެން. އެކަން ކުރީމަ އަޅުގަނޑުމެންނަށް ފޯރިގަދަ ކުރެވޭނީ. އެކަން ކުރީމަ ސަރުކާރަށް ދޫކޮށްލަން ފަސޭހަވާނީ އަޅުގަނޑު.
– ރައީސް ޔާމީން ވިދާޅުވިއެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރެއްވުމާއި ގުޅިގެން، އެކަމުގެ އުފާފާޅުކޮށް، އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހި ހިމެނޭ ސަރަޙައްދަށް މިދިޔަ އާދީއްތަ ދުވަހުވެސް ޖަމާވިއެވެ.

ރައީސް ޔާމީން ގެކޮޅަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް އެ ސަރަޙައްދުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ޕީޕީއެމް ޕީއެންސީ ސެނެޓް މެމްބަރުންނާއި، ކޯލިޝަން ލިޑަރޝިޕްގެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ