އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ތަރައްގީގެ އާ ނާރެހަކަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ނަރީޝް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި %54 ރައްޔިތުން އެއްބަސްވީ، ކުރިއަށް އޮތް ރިޔާސީ ދައުރު މުއިއްޒަށް ދިނުމަށް ކަމަށެވެ. އެހެންވެ، އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ބައްދަލު ކުރައްވާ ކައުންސިލަކަށް މާލެ ސިޓީ ކައުންސިލް ހައްދަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ މުއިއްޒުގެ ޒައާމަތުގައި ވޭތުވެދިޔަ ދެ އަހަރު މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަކަށް ކަމަށެވެ. އެހެންވެ، ކައުންސިލަރުންނާއި މުވައްޒަފުންނާ އެކީގައި މުއިއްޒު ކުރެއްވި މިންނެތް، ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ބެލިޔަސް ފެނުނީ މާލެ ސިޓީ އަށް މުއިއްޒު ކުރެއްވި ހިދުމަތް ބަލައިގަތް ކަމެވެ. ކައުންސިލަރުންނަށް އިރުޝާދު ދެއްވައި ކައްޗަށް ދިޔަ ވަގުތުތަކުގައި ސީދަލަށް އެޅުވުމަށް ކުރެއްވި މަސައްކަތަށް ވެސް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މަނިކުފާނުގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަކީ ދިވެހި ރާއްޖެއަށް ފާގަތި އަދި ދިވެހި ޒުވާނުންނަށް ފާގަތި ދިވެހިރާއްޖޭގެ ކަނބަލުންނަށް ފާގަތި، މަސްވެރިންނާއި ދަނޑުވެރިންނާއި އެހެނިހެން ދާއިރާތަކަށް ފާގަތި ތަރައްގީގައި ރާއްޖެ އާ ނާރެހަކަށް ދަތުރު ކުރާނެ ހާލުގައި ދުއާ ކުރަމުން،" ނަރީޝް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ