ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރި މައްސަލައިގެ ޙުކުމް މިއަދު

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރި މައްސަލައިގެ ޙުކުމް މިއަދު

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2020 09:31
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގައި ހުކުމްކުރުން މިއަދަށް ތާވަލް ކޮށްފިއެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް އެ އަމުރު ބާޠިލުކޮށް އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ އަޑުއެހުންތަކުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދައުލަތާއި ގިނަ ސުވާލުތަކެއް ވަނީ ކުރިމަތިކޮށްފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން އެކައުންޓްތައް ދޫކޮށްލި މަައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގަ އެވެ.

ސުޕްރީމް ކޯޓުން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އެ މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު 1:00 އަށް ކަމަށެވެ. ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ މިއަދު ތާވަލް ކޮށްފައި ވަނީ ރައީސް ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގެ ހުކުމް ކުރުން ކަމަށެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރުމަކީ ފުލުހުން ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ އެއް މިލިއަން ޑޮލަރުގެ ފައިސާ ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ކަމަށެވެ. އަދި މީހުންނަށް އާމްދަނީ ލިބޭ ހަމައެކަނި މަގަކީ މުސާރަ ކަމަށް ފުލުހުން ދެކިގެން ނުވާނެ ކަމަށާއި 100 މިލިއަން ރުފިޔާއާ ގުޅޭގޮތުން ފުލުހުން ސުވާލުކުރި ނަމަ، ޖަވާބު ދެއްވީސް ކަމަށް ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައިސް ޔާމީން 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލަ އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.