ޖަލުގައި ޢާއިލާއާއި ދުރުގައިި ހުންނަން ޖެހުނަސް، ރައީސް ޔަމީނަށް މުހިންމީ ޤައުމުގެ މިނިވަންކަން: ފާތުން

ޖަލުގައި ޢާއިލާއާއި ދުރުގައިި ހުންނަން ޖެހުނަސް، ރައީސް ޔަމީނަށް މުހިންމީ ޤައުމުގެ މިނިވަންކަން: ފާތުން

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2023 08:52
0

މިވެރިކަމުގައި ދިވެހިންގެ މިނިވަންކަން ހޯއްދެވުމަށް ރައީސް ޔާމީން ކުރެއްވި މަތިވެރި މަސައްކަތް ޕުޅުގެ ނަތީޖާއަކީ އެމަނިކުފާނު ޖަލުގެ ތޭރިތަކުގެ ތެރޭގައި އޮންނަން ޖެހުން ކަމަށާއި، މިނިވަންކަމަށްވުރެ އެމަނިކުފާނަށް ޢާއިލާވެސް އަދި އެހެން ކަމެއްވެސް މުހިންމު ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ވޯޓުލުމުގެ ކުރިން މެޑަމް ފާތުން ދިވެހި ރައްޔިތުންނަށް ދެއްވި ޚިތާބުގައި ވިދާޅުވީ ހޮނިހިރު ދުވަހު ރައްޔިތުންނަށް ލިބޭ ފުރުސަތަކީ ދިވެހީންގެ މިނިވަންކަން އަނބުރާ އިއާދަކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. ރައީސް ޔާމީނަށް ޖަލުގެ ތޭރިތަކުގެ ތެރޭގައ،ި ސިޔާސީ ދައުވާއެއްކޮށް، ބޭއިންސާފުން ގައިދުކޮށް، ހައްޔަރުކުރުމުގެ ކުރީން ކުރެއްވި، އެންމެ މުހިންމު މަސައްކަތްޕުޅަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ވަކާލާތުކުރެއްވުން ކަމަށް މެޑަމް ފާތުން ވިދާޅުވިއެވެ.

އެ މަސައްކަތް އެމަނިކުފާނު ނުކުރެއްވި ނަމަ، މިއަދުވެސް އެމަނިކުފާނު ގޭގައި އަޅުގަނޑާއި އާއިލާއާއެކު ހުންނެވުމުގެ ފުރުސަތު ބޮޑު. އެހެން ނަމަވެސް ރައީސް ޔާމީނާއި ރައީސް ޔާމީނުގެ އާއިލާއަށްވުރެ، ދިވެހީންގެ އިސްލާމީ ދިރިއުޅުމާއި، ދިވެހިވަންތަކަމާއި، މި ޤައުމުގެ މިނިވަންކަން، އެމަނިކުފާނަށް މާމުހިންމު. އަނިޔާވެރިންގެ އަނިޔާ އެމަނިކުފާނާއި ދިމާލަށް އަންނާނެކަން އެނގިހުރެ، އެމަނިކުފާނު ޚިޔާރުކުރެއްވީ، ޤައުމުގެ މިނިވަންކަމަށް ޤުރުބާންވެ ވަޑައިގެންނެވުމަށް.

– މެޑަމް ފާތުން ވިދާޅުވިއެވެ.

މެޑަމް ވިދާޅުވީ ރައީސް ޔާމީން ނުހައްޤުން ޖަލަށް ލެވުނީއްސުރެ މިއަދާއި ހަމައަށް އެމަނިކުފާނުގެ ދިފާއުގައި މަސައްކަތްކޮށްދެއްވާ، އަޑުއުފުއްލަވާ އަދި އެކިގޮތްގޮތުން އަނިޔާ ލިބ،ި ހައްޔަރަށް ގެންދެވުނު އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ދެ ޕާޓީގެ ލީޑަރޝިޕުން ހުއްޓުމެއް ނެތި ހިތްވަރާއެކު ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ޤައުމީ މި މަސައްކަތުގައ،ި ބައިވެރިވެ ވަޑައިގެންނެވުމަށް ތިޔަ ލޮބުވެތި ރައްޔިތުންނަށް މިވަގުތު ކޮށްދެއްވޭނެ އެންމެ ބޮޑު މަސައްކަތްޕުޅަކީ މިފަހަރުގެ ވޯޓުގައި ރައީސް ޔާމީން އެންޑޯޒްކުރައްވާފައިވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް ވޯޓުދެއްވުން.

– މެޑަމް ވިދާޅުވިއެވެ.
.
ރައީސް ޔާމީން ދިވެހީންނަށް ގެނެސްދެއްވީ، ހަލުވި ދުވެލީގެ އަތްލެވޭ އިހުސާސްކުރެވޭ އެއިން މަންފާ ލިބޭ ތަރައްޤީއެއް ކަމަށާއި، ޔޫތު ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރެއްވުމާއި، ސިނަމާލެ ބްރިޖާއި، ހިޔާ މަޝްރޫއާއި، ދަރުމަވަންތަ ހޮސްޕިޓަލާއި ރަށްރަށުގެ އަސާސީ ޚިދުމަތްތަކުގެ އެތައް މަޝްރޫއެއް ދިވެހީންނާއި ހަމައަށް އެމަނިކުފާނު ގެނެސްދެއްވި ކަމަށެވެ. އަދި މިހަލުވި ތަރައްޤީ އަލުން އިއާދަކުރެއްވޭނީ ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރާ ހޯދިގެން ކަމަށް ފާތުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.