ވ. އާރަށް މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުން ފަސްކުރަން ބޭނުންވާ ކަމަށް ވިދާޅުވެ، ދައުރުވަމުން އަންނަ އޯޑިއޯއަކީ ފޭކެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އެ ހުކުމާ ގުޅިގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް ގެއްލުނެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ މި އޯޑިއޯގައި ވާހަކަ ދައްކާ ފަރާތުން ބުނަނީ ޔާމީނު މިނިވަންކުރުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފަހަށް، ފަސް ކުރަން ޖެހޭ ކަމަށެވެ. އޯޑިއޯ ދައުރުކުރަމުންދާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ވާހަކަ ދައްކާފައި ވަނީ މުއިއްޒު ދިރިއުޅުއްވާ މ. ދިމްޔާތުގައެވެ.
ޔާމީނުގެ މައްސަލަ މަޑުޖައްސާލުމަށް އެކި ސަބަބުތައް ދެއްކިދާނެ ކަމަށް އޯޑިއޯގައި ވާހަކަ ދައްކާ ފަރާތުން ބުނެފައިވެއެވެ. އެގޮތުން ގާނޫނު އޮތް ގޮތުން އެކަން ކުރެވެން ނެތުމާއި ގާނޫނު ބަދަލުކުރަން ޖެހުމާއި ކަފާލާތުގެ ގާނޫނެއް މުހިންމު ކަމުގެ ވާހަކަ ދައްކައެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ %100 ފޭކެއް ކަމަށެވެ. އަދި ވާދަވެރިން އެންޓި ކެމްޕެއިން ކުރުން ނޫން ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"100% ފޭކް. އަޅުގަނޑު ތިކަހަލަ އެއްވެސް އެއްޗެއް، އެއްވެސް ތަނަކު ނުބުނަން. ނުވެސް ބުނާނަން. އެންޓި ކެމްޕެއިން ކުރުން ނޫން ކަމެއް ކުރާކަށް ނޭނގޭ،" މުއިއްޒު ވިދާޅުވިއެވެ.
އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުގައި ކުރިއަށް އެބަދެއެވެ.
މުއިއްޒު ކެމްޕެއިންގައި ބާއްވާ ކޮންމެ ޖަލްސާއެއްގައި ފާހަގަ ކުރައްވާ އެއް ކަމަކީ، އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރައްވާނެ ވާހަކައެވެ. ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން ވެސް އެންމެ ބޭނުން ވަނީ ވީހާވެސް އަވަހަށް ޔާމީން މިނިވަންވެ، ސަލާމަތްވުމަށެވެ.
ކޮމެންޓު ފޮނުވާ