ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބޭތިބުމާއި ގުޅޭ މައްސަލައަށް ފުރަތަމަ ދުވަހުގެ ރަސްމީ މަސައްކަތުގެ މުހިންމު ބައެއް ހޭދަކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމްވެތިބޭކަމަށް ސިޔާސީ ލީޑަރުން އަންނަނީ ތުހުމަތުކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބޭކަމަށާއި، އެޤައުމަށް ރާއްޖޭގެ ބިމުން ބައެއް ދިގު މުއްދަތަކަށް ދީފައިވާކަމަށް ބުނާ ޑޮކިއުމަންޓުތަކެއްވެސް ދަނީ ދައުރުވަމުންނެވެ. ވުމާއެކު އަންނަ ހޮނިހިރު ދުވަހު ނަގާ ވޯތަކީ ޤައުމުގެ މިނިވަންކަމާއި ގުޅޭ ވޯޓެއްކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލާނެކަމަށް ވިދާޅުވެފައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާއި ގުޅޭގޮތުން ޑރ.މުޙައްމަދު މުޢިއްޒު "ޚަބަރު އޮންލައިން"އަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ވިދާޅުވީ އެޤައުމެއްގައި ކަންހިނގާނެގޮތެއް ނިންމާނީ އެޤައުމެއްގެ ރައްޔިތުންކަމަށެވެ. އެގޮތުން ބޭރު ސިފައިން ޤައުމުގަ ތިބޭނީތޯ ނުވަތަ ނޫންކަންވެސް ނިންމާނީ ރައްޔިތުންކަމަށާއި، ބޭރުސ ިފައިން ރާއްޖޭގައި ތިބެ ބޭނުން ނޫންކަމަށް ރައްޔިތުން ނިންމައިފިނަމަ އެބަޔަކު މިޤައުމު ދޫކޮށް ދާންޖެހޭނެކަމަށް ޑރ،މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އެކަން ޑިޕްލޮމަސީގެ އުސޫލުން ކުރިއަށް ގެންގޮސް އެކަން ކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ވަރަށް ކަންބޮޑުވޭ މި އެއްބަސްވުންތާ މިސަރުކާރުން ކަންކުރާގޮތުން. އެ އެއްބަސްވުމުގަ ހުރި ތަފްސީލެއް ހާމަކުރަން އެހާ ގިނަ ދުވަސްނަގާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑު ޤަބޫލުކުގާތޮގަ ޑިމޮކްރަސީއެއްގަ ޓްރާންސްޕޭރެންސީއަކީ ވަރަށް މުހިންމު އެއްޗެއް. އެހެންވީމަ ވީހާވެސް ބޮޑަށް ޓްރާންޕޭރެންޓް، ދެފުއް ފެންނަންވާނެ. ރައްޔިތުންނަށް އެނގެންވާންޖެހޭ މައުލޫމާތެއްވެއްޖާ އެނގެންވާނެ.
– ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވަނީ އެމަނިކުފާނު ވެވަޑައިގަންނަވާ ކޮންމެ ވަޢުދަކީވެސް ފުއްދޭނެކަމުގެ ޔަޤީންކަމާއެކު ވެވަޑައިގަންނަވާ ވަޢުދެއްކަމަށެވެ. ނުފުއްދެވޭނެކަމަކަށް ވަޢުދުވެވަޑައި ނުގަންނަވާނެކަމަށާއި، އެމަނިކުފާނަކީ އިތުރުފުޅު ހައްދަވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަމުގެ ޔަޤީންކަން މުޢިއްޒު ދެއްވިއެވެ.
އަޅުގަނޑު ވޯޓު އިތުރުކުރާކަށް ދޮގެއް ނުހަދާން. ވޯޓު އިތުރުކުރުމަކީ އަޅުގަނޑު އޮޅުވާލައިގެން ކުރަން އުޅޭކަމެއްނޫން. "ފެކްޗުއަލް" ހަގީގަތްތަކުގެމައްޗަށް ބިނާކޮށް ނޫނީ އަޅުގަނޑު އެއްޗެއް ނުދަންނަވާނަން އޭގެ ބެކިން ނުވަތަ އޭގެ ސާބިތުކޮށްދޭ ހެކިތައް ނެތިއެއްވެސް ކަމެއް. ހަނިމާދޫއަށް ވަޑައިގަނަވާށޭ މިކަމަށް ސުވާލު އުފައްދާ ބޭފުޅުން. ހަނިމާދޫ ކިތައް ގޭގަތޯ އިންޑިއާ ސިފައިން ތިބީ. އެންމެ މިސާލެއް.
– ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބޭ ތިބުން ސަރުކާރުން ދޮގުކުރެއެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގެ ބައެއް ސރަަހއްދުތަކުގައި ހަރަކާތްތެރިވެ އުޅޭކަމަށް ބުނާ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެއެވެ. އަދި މިސަރުކާރުން އިންޑިއާއަށް ފަހިވާގޮތަށް އެއްބަސްވުންތައް އެކުލަވާލާފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި ރާއްޖެއިން ނަގާ ލޯނުތަކާއި ހިންގާ މަޝްރޫޢުތައް އިންޑިއާއަށް އެކަނި ބަރޯސާވެފައިވާކަމަށްވެސް ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކުގެ ތެރޭގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ