ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރަށްރަށަށް ވަޑައިގެން ވެވަޑައި ގަންނަވާ ކޮންމެ ވައުދަކީ އެވައުދެއް ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮށްދޭނެ އަދި ތަންފީޒު ކުރާނެ ވައުދުތަކެއް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުއްޓުމެއް މަޑު ޖެހުމެއް ނެތި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ޑރ. މުއިއްޒު ކުރައްވަމުންދާ ކެންޕޭންގައި މިއަދު ބ. ގޮއިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންމެ ރަށަކަށް ވަޑައިގަތުމުންވެސް އެރަށަކުން އެދޭ ކަންތައްތަކުގެ ލިސްޓު ދިގު ކަމަށެވެ. އެކަން އެހެން ވެފައިވަނީ މިސަރުކާރުގެ ފަސް އަހަރު ތެރޭ ރަށްރަށަށް އަޅާ ނުލާ ދޫކޮށްލާފައި ހުރުމުން ކަމަށެވެ.
ގޮއިދޫއަކީވެސް ހަމަ މިގޮތަށް ބާކީ ވެފައި އޮތް ރަށެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ވެރިކަން ލިބިއްޖެނަމަ ގޮއިދޫ ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކޮށްދެއްވާނެކަަށެވެ. އެކަން ކޮށްދޭނީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ މަޗްވަރާގެ މަތީންކަމަށް މުއިއްޒު ވިދާޅުވިއެވެ.
ގޮއިދޫއަށް މުއިއްޒު ހުށަހެޅުއްވި ވައުދުތައް:
– ފަޅު ތެރޭގައި ރިސޯޓް ތަރައްޤީ ކުރާނަން
– ސީޕްލޭންގެ ޚިދުމަތް ތަޢާރަފް ކޮށްދޭނަން
– ބަޔޯސްފިޔާއިން އިކޯޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަދޭނަން
– ޒަމާނީ ބޯޅަ ދަނޑެއް ހެދުން
– ސްކޫލުގެ ޖާގަ އިތުރުކޮށް ދިނުން
– ސިއްޚީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނާނަން
– ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދޭނަން
– ޒަމާނީ އިންޖީނުއެއް އަޅާދީ، ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްދޭނަން
– ރަށް ގިރުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކޮށްދޭނަން
– ޒުވާނުންގެ މަރުކަޒެއް ޤާއިމް ކޮށްދޭނަން
– އޭޓީއެމްއެއް ޤާއިމް ކޮށްދޭނަން
ކެމްޕޭންގައި މިހާތަނަށް ވެވަޑައިގެންނެވި ކޮންމެ ވައުދަކީވެސް އެކަން ކުރެވޭނެ ގޮތާއި، ކުރާނެ ގޮތް އެގިތިބެ ވާވައުދުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވަނީ އެއްވެސް ރަށެއް އަދި އެއްވެސް ސިޔާސީ ފިކުރަކަށް ތާއީދު ކުރާ މީހަކަށް ވީތީ ބާކީ ނުކޮށް ހަމަހަމަ ކަމާއިއެކު ތަރައްޤީ ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.