ރ. ރަސްމާދޫ ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކޮށްދެއްވުމުގައި ކުރަންޖެހޭ މަސައްކަތް ރައްޔިތުން އެދޭ ގޮތައް ކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުއްޓުމެއްނެތި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުުރުގެ ކެމްޕޭންގައި މިއަދު ރަސްމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރަސްމާދޫގެ ތަރައްޤީއަށްވެސް މިސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލ ވެފައި ކަމަށެވެ. ރަސްމާދޫގެ ސިއްޚީ ކަންކަމާއި، ތައުލީމާއި، ޒުވާނުންނާއި ގުޅުންހުރި ކަންކަމަށްވެސް މިސަރުކާރުން އިހުމާލު ވެފައިވާކަމަށެވެ.
މިކަންކަން ހާސިލް ކޮށްދޭނީ ރައްޔިތުން އެދޭ މިންވަރަށް ކަންކަން ހާސިލް ކޮށްދީގެންކަމަށް މުއިއްޒު ވިދާޅުވިއެވެ. ރަސްމާދޫގެ ތަރައްޤީއަށް ބޭނުންވާ އެންމެހާ ކަންކަން ކޮށްދެއްވާނެކަމަށް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.
ރަސްމާދޫ އަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:
– ސްކޫލުގެ ޖާގަ އިތުރުކޮށް، ސްކޫލަށް ހެޔޮ ބަދަލު ގެނެސްދޭނަން
– ޓާފް އަޅައިގެން ފުޓުބޯޅަ ދަނޑު ތަރައްޤީ ކޮށްދޭނަން
– ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްދޭނަން
– ސިއްޚީ މަރުކަޒަށް ހެޔޮ ބަދަލުތަކެއް ގެނެސް ދޭނަން
މުއިއްޒު ވިދާޅުވީ ފުރަތަމަ ބުރުގައިވެސް ރަސްމާދޫ ރައްޔިތުން ދެއްވި ތާއީދަކީ ޝުކުރުވެރިވާ ތާއީދެއް ކަމަށެވެ. އަދި ދެވަނަ ބުރުގައި މިތާއީދު އިތުރަށް ދެގުނަ ކުރާނެ ކަމުގެ އުންމީދު އޮތްކަމަށް މުއިއްޒު ވިދާޅުވިއެވެ.