ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ތާވަލުކުރުމަށްފަހު ކެންސަލްކޮށްފި

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ތާވަލުކުރުމަށްފަހު ކެންސަލްކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2023 01:09
0

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފިއެވެ.

ހައިކޯޓުގައި މިއަދު މެންދުރުފަހު 2:00ގައި ފެށުމަށް ހަމަޖެހިފައި އޮތް އިސްތިއުނާފް އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ.

އަޑުއެހުން ކެންސަލް ކުރުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އިސް ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ޑރ. ޖަމީލް ވިދާޅުވީ އިސްތިއުނާފް އަޑުއެހުން "ސުންގަޑިއަށް ވެފައިވަނިކޮށް" ޕީޖީ އޮފީހުގެ ވަކީލުން ބިޒީވެގެން ޝަރީއަތް ކެންސަލް ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެއް ކަމަށެވެ.

އަދި މިއިސްތިއުނާފް ލަސްކުރުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެން ވާ ގިނަ އަތްތަކެއް ހިމެނޭ.

– ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅަފައިވާ އިސްތިއުނާފު މައްސަލައަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވެފައިވާކަން ސާބިތުވެ, ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އާރަށުގެ އިސްތިއުނާފު މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވި މިމަހު ހަ ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.