ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ގިނަ އަދަދެއްގެ ޒުވާނުންތަކެއް ޕީޕީއެމް އަށް މިރޭ ސޮއިކޮށްފިއެވެ.
ޕީޕީއެމުން ބުނި ގޮތުގައި އެ ޕާޓީ އަށް ސޮއިކުރި މީހުންގެ އަދަދު 100 އަށް އަރައެވެ.
އެ ޕާޓީގެ އޮފީހުގައި ބޭއްވި ކުޑަ ހަފުލާއެއްގައި ރައޫފާއި މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޖޭޕީ މެންބަރު އަހުމަދު ހަމީދު (ފްލައި) ވެސް ޕީޕީއެމަށް ސޮއިކުރެއްވިއެވެ. އެ ދެ ބޭފުޅުންނާއި ޒުވާނުންގެ ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމުން ރައޫފް އިސްތިއުފާ ދެއްވީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި އެ ކަމުގެ ބަދަލެއްގެ ގޮތުން އެ ކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމެވި ކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުންނެވެ.
އޭގެ ކުރިން، ރައޫފް ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ގައި އޭނާގެ ނަން ޖޭއެސްސީ އަށް ފޮނުއްވިއެވެ. ނަމަވެސް އެ ތުހުމަތާ ގުޅިގެން ޖޭއެސްސީން ވަނީ ރައޫފް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ނިންމައިފައެވެ.
ރައޫފަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިން ބެޗްލަ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުކަމާއި، ސިވިލްކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ކަން ހިމެނެއެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަން ވެސް ކުރެއްވި ރައޫފް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ 2011 ވަނަ އަހަރުއެވެ.