އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެކުލަވާލާނީ ހިންގުންތެރި، ހީވާގި، ތައުލީމީ އަދި ރައްޔިތުން ފަޚުރުވެރިވާ ކެބިނެޓެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ ވެރިކަމެއްގައި ކެބިނެޓްގައި ހިމެނޭ ބައެއް މިނިސްޓްރީތަކުގައި އޮންނާނީ ޖަމިއްޔަތުއް ސަލަފްގެ ބާރު ކަމަށް އަޑު ފެތުރިފައިވެއެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ގޭންގްތަކުގެ ބާރު ހިނގާނެ ކަމަށާއި އެފަދަ މީހުން މިހާރު ވެސް ކެމްޕެއިންގައި ހަރަކާތްތެރިވާ ކަމަށް ވާދަވެރިން ދަނީ ބުނަމުންނެވެ.
މިރޭ ކުރިއަށް ގެންދާ އާސްކް މުއިއްޒު ޕްރޮގުރާމުގައިި މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކެބިނެޓެއް އެކުލަވާލާއިރު ހުރިހާ ކަމަކަށްވެސް ބައްލަވާނެ ކަމަށާއި ކެބިނެޓުގައި ތިއްބަވާނީ އެ ދާއިރާއަކުން ތަޖުރިބާހުރި ފަންނީ، ހިންގުންތެރި ބޭފުޅުން ކަމަށެވެ.
"އަޅުގަނޑުމެން ގާއިމުކުރާ ކެބިނެޓުގައި ތިބޭނީ އިރާދަކުރެއްވިއްޔާ އެ ދާއިރާތަކުން ތައުލީމު ލިބިފައި ތިބި، އެދާއިރާގައި ތަޖުރިބާ ހޯދާފައި ތިބި އަދި ވަރަށް ހީވާގި ކަމާއެކީގައި މަސައްކަތް ކުރާ މީހުން." މުއިއްޒު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާ އަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ ތައުލީމީ ދާއިރާ އަށް ހަމަޖައްސާނީ އެ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ހުރި ހީވާގިކަމާއެކު މަސައްކަތްކުރާނެ އިޚުލާސްތެރި ބޭފުޅަކު ކަމަށެވެ. ތައުލީމީ ނިޒާމު ވަރުގަދަކޮށް އެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ގެރެންޓީ އޮތް ބޭފުޅަކަށް ކެބިނެޓުގައި އިންނަވާ ބޭފުޅާ ވާން ޖެހޭނެ ކަމަށާއި އެކަމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ވަކި މީހަކު ބުނާ މީހަކު ލައިގެން، އަޅުގަނޑު ނޫޅެން މިގޮތަށް ކަންތައްކުރާކަށް. އަޅުގަނޑު ވަރަށް ސީރިޔަސްކަމާއެކީ މިކަމުގައި މިހުރީ، އަޅުގަނޑު ބޭނުން ހަގީގީ މާނައިގައި ރައްޔިތުންނަށް ކުރިއެރުން ގެނެސްދެން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ނަތީޖާ ދައްކައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ