މަޖިލިސް ހުއްޓުވުމުގައި އަޅުގަނޑުގެ އެއްވެސް ދައުރެއް ނޯންނާނެ: ރައީސް

މަޖިލިސް ހުއްޓުވުމުގައި އަޅުގަނޑުގެ އެއްވެސް ދައުރެއް ނޯންނާނެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
19 ސެޕްޓެމްބަރ 2023 09:41
0

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގެ ބައިވެރިވުމެއް ނޯންނާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިފަދައިން ވިދާޅުވީ ހެންވޭރުގެ ގެތަކަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބައިވެރިވެވަޑައިގެން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެ ވާހަކަތައް ރައީސް ވަނީ ދޮގުކުރައްވާފައެވެ. އަދި އެކަމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑަކީ މަޖިލީހުގައި 25 އަހަރު އުޅެފައި ހުރި މީހެއް މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އެނގޭ. މަޖިލީހުގެ ކަންކަން ވާ ގޮތް އެނގޭ. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން.

– ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ނިޒާމީ ވޯޓުގެ ޤަރާރު ފާސްކުރުމަށްފަހު އެމަނިކުފާނަށް ފޮނުއްވުމަށް ދަންނަވާފައިވާނެކަމަށެވެ. އެއަށްފަހު ނިޒާމު ކަނޑައަޅާ ވޯޓު ވަކި ތާރީޚެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ތަކުރާރުކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގެ ތެރޭ އެ ވޯޓު ނަގަން ކަނޑައަޅައިފި ކަަމަށްވާ ނަމަ، ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން އިލެކްޝަން ކޮމިޝަނަށް އެކަން ކުރުމަށް އަޅުގަނޑަށް ރިކުއެސްޓް ކުރެވޭނެ.

– ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފަށާ ގަޑި ޖެހުނު އިރުވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ޞާލިހްކަމަށް ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ. މަޖިލީހުގެ މަސައްކަތްތައް އަލުން ފަށާފައިވާއިރު ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރު މިއަދު ވަނީ އެމްޑީޕީގެ ތާއިދާ އެކު ފާސްކޮށްފައެވެ.

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދަވަނަ ބުރުގައި ކެމްޕެއިން ކުރެއްވުމަށްޓަކައި ރައީސް ޞާލިހް ގެންދަވަނީ މާލޭގެ އެކި އަވަށްތަކަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވަމުންނެވެ. އެގޮތުން އެމަނިކުފާނު މިއަދު ވަނީ ހެންވޭރު ހުޅަނގު އަދި މެދުދާއިރާގައި ދިިރިއުޅޭ ރައްޔިތުންގެ ގެތަކަށް ވަޑައިގަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.