ދިވެހި ރައްޔިތުން ތިބީ މިވެރިކަން ބަދަލު ކުރުމަށް ކުރިއަށްވުރެވެސް މާބޮޑަށް ޖޯޝާއި ފޯރީގައިކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުއްޓުމެއްނެތި ކުރަމުންދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ހަރަކާތްތަތަކުގެ ތެރެއިން މިރޭ މާލޭގައި ހުޅުވި ފުވައްމުލަކު ޖަގަހާގައި ވާހަކަ ދައްކަވަމުން މުއިއްޒުވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފުވައްމުލަކުގެ ރައްޔިތުން ދެއްވި ފުރިހަމަ ތާއީދަށްޓަކައި ފަށްފަށުން ޝުކުރު އަދާ ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތްތަކެއް ކަމަށާއި އަދި އެދެނީ ދެވަނަ ބުރުގައި މާބޮޑު ކާމިޔާބީއެއް ހޯއްދަވައި ދެއްވުން ކަމަށެވެ.
މުއިއްޒު ވިދާޅުވީީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށްވެސް މިހާތަނަށް 30 ވަރަކަށް ރަށަށް ދެވިފައިވާކަމަށެވެ. މިރަށްތަކުން ފެނިގެން ދިޔައީ އިތުރު ޖޯޝާއި ފޯރީގައި އިންތިޚާބުގައި ރައީސް ޞާލިހު ބަލިކުރަން ރައްޔިތުން ބޭނުންވެފައި މިންވަރު ކަމަށެވެ.
ކުރިއަށްވިރެ މާބޮޑު ޖޯޝުގައި މިހާރު ރައްޔިތުން ތިބިތަން ފެންނަނީ. މިމަސައްކަތުގައި ވަކި ޕާޓީއެއްގެ ބޭފުޅުންނެއް އެކަންޏެއް ނޫން ބައިވެރިވަމުން ދަނީ. މިޖޯޝުގައި ރައްޔިތުން ތިބިނަމަ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކާމިޔާބު ވާނެ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ރައްޔިތުން އެންމެ ބޮޑު ސަމާލުމެއް ދޭންވީ ރީ-ރަޖިސްޓްރޭޝަނަށް ކަމަށެވެ. މިސަރުކާރުން ގެންގުޅޭ މަކަރުވެރި ރޭވުންތަކަށް ސަމާލުވާންޖެހޭ ކަމަށާއި، ރީ ރަޖިސްޓްރޭޝަނަށް ޚާއްސަ އިސްކަމެއް ދެއްވައި ކޮންމެ ބޭފުޅަކުވެސް ކޮންމެ ދުވަހަކު މަދު ވެގެން ތިން ފަހަރު ވަރު ވޯޓުލާތަން ޔަގީން ކުރުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.