ވަރަށް ކުދި ކުދި ތަންތަނުގައި މީހުން ދިރިއުޅެމުން ދާއިރު، އެތަންތަން ދޫކޮށްލަން ޝަރުތުކުރުމަށް ފަހު ސަރުކާރުން ގޯއްޗާއި ފްލެޓު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި، ގާނޫނާއި ގަވައިދުތަކަށް ބަދަލު ގެނެސްގެން ނަމަވެސް މިހާރު ދިރިއުޅެމުންދާ ކުދި ތަންތަން ދޫކޮށްލަން ނުޖެހޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގެ ދެވަނަ ބުރުގައި މިރޭ މާފަންނު ރައްޔިތުންނާއި ބައްދަލުކޮށް މުއިއްޒު ވިދާޅުވީ އެތައް އަހަރެއް ވަންދެން ނިކަމެތި ހާލުގައި އުޅެމުން ދަނިކޮށް ލިބުނު ގޯއްޗަކާއި ގުޅިގެން މާފުށުން ލިބިފައިވާ ތަންކޮޅު ދޫކޮށްލަން މަޖުބޫރު ކުރުމަކީ އިންސާފެއް ނޫންކަމަށެވެ.
އެހާ ދުވަސްވަންދެން ނިކަމެތި ގޮތެއްގައި ކުޑަ ތަންކޮޅެއްގައި އުޅެމުން ދަނިކޮށް މި ލައްވާލަނީ ގޯއްޗެއް ނޫނީ ފްލެޓެއް. ލައްވާލީމަ [ވެސް] އެތަން ލިބޭކަށް ނެތް. މިހާރު އުޅޭ ތަންކޮޅު އެބަޖެހޭ ދޫކޮށްލަން. އެއީކީ އިންސާފެއް ނޫން. މައިންބަފައިން އަތުން ލިބުނު ތަންކޮޅު، ނުވަތަ ގޭތެރޭގައި ބަހާލައިގެން ކޮންމެ [ކުއްޖަކު] ކޮޓަރިއެއްގައި އުޅެމުންދަނިކޮށް އެ ކޮޓަރި ވެސް ދޫކޮށްލާފަ ދާން ޖެހުނީމަ، އަސްލު އެހާ ދުވަސް ކޮށްފައި 30، 40 އަހަރު ކޮށްފައި މި ލިބޭ ގެދޮރުގެ ފުރުސަތު އެންމެ އިންސާފުވެރި ގޮތަކަށް ލިބުނު ކަމަކަށް އިހުސާސެއް ނުވާނެ.
– މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން، މުއިއްޒު ވައުދުވެވަޑައިގަތީ، އޭނާގެ ސަރުކާރެއްގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލެެއް ގެނެސްގެން ވިޔަސް އަދި އެއާ ގުޅިފައި ހުރި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލެއް ވިއްޔާ ގެނެސްގެން ވިޔަސް ދިރިއުޅެމުންދާ ކުދި ތަންތަންކޮޅު ދޫކޮށްލަން ނުޖެހޭގޮތް ހައްދަވައި ދެއްވުމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އެކަން އެގޮތަށް ކުރުމަށްޓަކައި ކޮންމެހެން ގާނޫނަށް ބަދަލު ގެންނާކަށް ނުވެސް ޖެހެއެވެ. ގާނޫނުގައި އޮންނަނީ އެކަކަށް ދެ ބަންޑާރަ ގޯތި ނުލިބޭނެ ކަމަށް؛ ނަމަވެސް ބަހައިގެން ލިބިފައި ހުންނަ ކުދި ކުދި ތަންތަންކޮޅަކީ ބަންޑާރަ ގޯތި ކަމުގައި ބެލިގެން ނުވާނެކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްތައް ދިން އިރު 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއް އޮތް ނަަމަ އެތަން ދޫކޮށްލާކަށް ނުޖެހޭ؛ ކުރިއަށް އޮތް ތަނުގައި ވެސް އަމަލު ކުރައްވާނީ އެފަދަ ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވަނީ، މިހާރު އުޅޭތަން ދޫކޮށްލަން ޝަރުތު ކުރުމަށްފަހު ކަން ފާހަގަކުރައްވާ، އެ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.