ދަ ޑިމޮކްރެޓްސް އިން ވެރިކަމުގެ ނިޒާމާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅުން އެމްޑީޕީން ގަބޫލުކޮށްފިއެވެ.
އެމްޑީޕީން ވަނީ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށެވެ. ޑިމޮކްރެޓްސް އިން ގަބޫލި ކުރާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭނީ ނިޒާމީ ވޯޓަށް ފަހުގައެވެ. އެ ހުށަހެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ނިޒާމް ބަދަލު ކުރުމާ ގުޅޭ ވޯޓެއް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ދެވަނަ ބުރުގެ އިންތިހާބަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރާނެ ކަމަށެވެ.
އެހެން ނަމަވެސް ދެވަނަ ބުރަށް ފަހު ޑިމޮކްރެޓްސް އިން ހުށަހަޅާ ތާރީހެއްގައި ނިޒާމީ ވޯޓެއް ބާއްވަން ތާއީދު ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އެ ޕާޓީ އަށް ތާއީދު ކުރާނެކަން ނުވަތަ ނޫންކަން އަދިވެސް އެނގިވަޑައިގެންފައެއް ނުވެއެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި އަދި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލިބިގެންވެއެވެ.
ޑިމޮކްރެޓްސްގެ ލީޑަރު ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ވަކާލާތު ކުރައްވާ ބޭފުޅެކެވެ. މިއަހަރުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ވެސް އެކަމާއި ގުޅޭ ގަރާރެއް ނަޝީދު ހުށަހެޅުއްވެވިއެވެ. ނަމަވެސް ފަހުން ގަރާރު އަނބުރާ ގެންދެވީއެވެ.